ދާދިފަހުން ބޭއްވި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުالله ސޯދިގު (ސޯބެ) މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ނުލާތީ އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވާ މެންބަރު ކަމުގެ ހުވާ ސޯބެ ކުރެއްވީ މިމަހުގެ 15ވަނަ ދުވަހުއެވެ.

ނަމަވެސް އެމްޑީޕީ ޕީޖީގެ ކަންބޮޑުވުމަކީ އަދިވެސް ސޯބެ މަޖިލީހުގެ ކޮމެޓީއެއްގައި ބައިވެރި ނުކުރުމެވެ. އެމްޑީޕީ މަޖިލިސް މެންބަރުން މިއަދު ވަނީ މަޖިލީހުގައި އިހުތިޖާޖުވެސް ކޮށްފައެވެ. އަދި 9 މެންބަރެއްގެ ނަން އިއްވާ މަޖިލީހުންވެސް ބޭރުކުރިއެވެ.

އެމްޑީޕީ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިމް ވިދާޅުވީ އެމްޑީޕީ މަޖިލިސް މެންބަރުން އިހުތިޖާޖުކުރީ ސޯބެ ރަނގަޅު ކޮމެޓީއަކަށް ނުލާ އޮންނާތީ ކަމަށެވެ. އެ ކަންބޮޑުވުން ސޯބެ މެންބަރުކަމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން އޮންނަ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ ގަވާއިދުގައިވާ ނިސްބަތަށް ބަލާއިރު، އެމްޑީޕީއަށް ދެ ކޮމިޓީއަކުން ފުރުސަތު ލިބެންޖެހެއެވެ. އަދި މަޖިލީހުގެ ކޮންމެ ކޮމިޓީއެއްގައިވެސް އެމްޑީޕީގެ މެންބަރަކަށް މަގާމެއް އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި އުސޫލުގެ ދަށުން އިތުރު ދެ ޖާގައަށް އެދިވަޑައިގެންފައިވާނެ ކަމަށާއި، މިކަމުގައި ފަހުގެ ނިންމުން ނިންމުމަކީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަށް އޮތް ބާރެއް ނޫން ކަމަށްވެސް ނާޒިލް ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި ކުރާ އެންމެ ބޮޑު ކަމަކީ ކޮމިޓީތަކުގައި ކުރާ މަސައްކަތްތަކަށް ވާއިރު މަޖިލީހުން އަމަލުކުރަމުން ގެންދަނީ ސޯބެ އަށް އެ މަސައްކަތް ނުކުރެވޭ ގޮތަށް ކަަމަށާއި ޖާގަ ދޭން އެއްބަސްވަނީ މަޖިލީހުގައި އެންމެ މަދުން މަސައްކަތް ކުރާ ކޮމިޓީތަކުން ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.

ސޯބެއަށް ޖާގަ ދޭން މަޖިލީހުން އެއްބަސްވަނީ ނާޒިލް ވިދާޅުވި ގޮތުގައި މަޖިލީހުގައި އެންމެ މަދުން މަސައްކަތްކުރާ ސުލޫކު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީ ފަދަ ކޮމިޓީތަކުންނެވެ.