ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ބެލެވޭ ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
ރާއްޖެ ގަޑިން ރޭ ދަންވަރު 3 ޖަހާއިރު ކުޅުނު އެ މެޗުގެ ފުރަތަމަ 30 މިނެޓުގައި ބްރެޒިލް ފެނުނީ ވަރަށް ބަލިކަށިކޮށެވެ. ވޯލްޑް ކަޕްގެ ގަދަބާރުގެ ގޮތުގައި ބެލެވޭ ބްރެޒިލްގެ ކުޅުންތެރިން ރޭވުންތެރިކަމެއް ނެތި ތިއްބާ، ރެއާލް މެޑްރިޑުން ފެންނަ ފަދަ ވިނީޝިއަސް ޖޫނިއާގެ ހުށިޔާރު ކުޅުމާއެކު އެ ޓީމު އަލުން މެޗުގެ ތެރެއަށް ގެނައެވެ.
ބްރެޒިލްގެ ބައެއް އެނަލިސްޓުން ސިފަކުރާ ގޮތުގައި، މިއީ 2014 ވަނަ އަހަރު ޖަރުމަނު އަތުން 7-1 އިން ބަލިވި މެޗަށްފަހު އެ ޓީމުން ފެނުނު އެންމެ ދަށް ކުޅުމެވެ.
އިސްމާއިލް ސައިބާރީ ޖެހި ލަނޑުން މޮރޮކޯއަށް ލިބުނު ކުރިއެރުމަށްފަހު، ވިނީޝިއަސް އޭނާގެ އާދައިގެ މަތިން ވައަތް ފަރާތުން ދުވެލި ބާރުކޮށްލާފައި ފޮނުވާލި ހިތްގައިމު ހަމަލާއިން ބްރެޒިލް ސަލާމަތްކޮށްދިނެވެ. މިއާއެކު، ފުރަތަމަ ހާފުގައި ކުރިމަތިވި ގޮންޖެހުންތައް ބޮޑު ނުރައްކަލަކަށް ބަދަލުވިޔަނުދީ ހިފެހެއްޓުނެވެ.
އެހެންނަމަވެސް، ކާލޯ އަންޗެލޮޓީއަށް މި އެއްވަރުވުމުގެ ސަބަބުން، ހުކުރު ދުވަހު ހައިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އުނދަގޫ ސުވާލުތަކަކާ ކުރިމަތިލާން ޖެހުނެވެ. މުބާރާތުގެ ކުރިންވެސް ބްރެޒިލްގެ މައްސަލަތައް އޮތީ ފާހަގަވެފައެވެ. އެއީ މެދުތެރޭގައި އުފެއްދުންތެރިކަމާއި ކޮންޓްރޯލް ކުޑަވުމާއި، ޚާއްޞަ ފުލްބެކުންގެ މަދުކަމެވެ.
އަންޗެލޮޓީގެ ސްކޮޑު އެކުލަވާލާފައިވާ ގޮތުން މި ކަންބޮޑުވުންތައް އިތުރަށް ބޮޑުވިއެވެ. އޭނާ ހޮވި 26 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެންމެ ފަސް މިޑްފީލްޑަރުންނެވެ. އަދި ކަނާތް ފަރާތު ފަހަތަށް ކުޅޭ ހަމައެކަނި ޚާއްޞަ ކުޅުންތެރިއަކީ ވެސްލީ ކަމަށްވާއިރު، އޭނާއަށް އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހުނެވެ.
ވެސްލީގެ ބަދަލުގައި އެހެން ފުލްބެކަކު ގެނައުމުގެ ބަދަލުގައި، އަންޗެލޮޓީ އިތުރު މިޑްފީލްޑަރަކު ގެނައުމުން، ވަގުތީ ގޮތުން އެ މަގާމަށް ކުޅެން ޖެހުނީ ދެ ސެންޓަރ ބެކުންނަށެވެ.
މޮރޮކޯއާ ދެކޮޅަށް ކުޅުނުއިރު، އެ ނިންމުމަކީ ނުރައްކާތެރި ނިންމުމެއްކަން ހާމަވިއެވެ. ސައުދީ އަރަބިއްޔާގައި ކުޅެމުންދާ ސެންޓަރ ބެކް ރޮޖާ އިބަނޭޒް، ބްރެޒިލްގެ ކަނާތް ފަރާތުން ކުޅެން ޖެހުމުން ފުރަތަމަ ހާފުގައި ވަރަށް ބޮޑަށް ތަދުވިއެވެ. ނުސައިރު މަޒްރައުއީ އާއި ބިލާލް އަލް ޚަންނޫސްގެ ބާރުމިނާ އެއްވަރު ނުކުރެވި، އާދައިގެ ޕާސްތައް ދިނުމުގައިވެސް އޭނާއަށް ގޯސްތައް ހެދުނެވެ.
ބްރެޒިލްގެ ކަނާތް ފަރާތް ވެގެންދިޔައީ މޮރޮކޯގެ ކުޅުންތެރިން ބޭނުންހާ ގޮތަކަށް ކުޅެލި ސަރަހައްދަކަށެވެ. ލޫކަސް ޕަކޭޓާގެ ކުޅުންވެސް ފެނުނީ ވަރަށް ދަށްކޮށެވެ. ސައިބާރީ ލަނޑު ޖެހުމަށް މަގުފަހިވީ ޕަކޭޓާ އާއި އިބަނޭޒްއާ ދެމެދު ކުޅުމުގައި އުފެދުނު އޮޅުންބޮޅުންތަކެއްގެ ސަބަބުންނެވެ.
ހާފް ޓައިމްގައި އަންޗެލޮޓީ ބަދަލުތަކެއް ގެނައެވެ. އިބަނޭޒް އާއި ކަސެމީރޯގެ ބަދަލުގައި ޑެނީލޯ އާއި ފަބީނިއޯ ކުޅެން އެރުވިއެވެ. މި ބަދަލުތަކާއެކު ބްރެޒިލްގެ ކުޅުން ވަގުތުން ހަމައަކަށް އެޅުނެވެ.
ޑެނީލޯގެ ސަބަބުން ދިފާއީ ބަޔަށް ހަމަޖެހުން ލިބުނުއިރު، ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ފަބީނިއޯ މެދުތެރޭގެ ބައްޓަން ރަނގަޅުކޮށް ކޮންޓްރޯލް ހޯދައިދިނެވެ. ދެވަނަ ހާފުގައި ބްރެޒިލްގެ ކުޅުން މާ ބޮޑަށްވެސް ހަމަހަމަވެ، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، މެޗުން މޮޅުވެދާނެ ފަދަ ފުރުސަތުތަކެއް އުފެއްދިއެވެ.
ހަމަލާދޭ ބަޔަށްވެސް ބަދަލުތަކެއް ގެނައެވެ. މެތިއުސް ކޫންޔާ، ލުއިޒް ހެންރީކޭ އަދި އެންޑްރިކްގެ ބަދަލުގައި ބްރެންޓްފޯޑްގެ ފޯވާޑް އީގޯ ތިއާގޯ ފުރަތަމަ އެގާރައިގައި ހިމެނުމަށް އަންޗެލޮޓީ ނިންމި ނިންމުމުގެ ސަބަބުން ބްރެޒިލްގެ ކުޅުމުގެ ރިދަމަށް މާ ބޮޑު ފައިދާއެއް ނުކުރިއެވެ. އެ ފޯވާޑް ފެނުނީ ކުޅުމުގެ ތެރޭގައި ބާކީވެފައި ހުރި ތަނެވެ. ރަފީނިއާ އާއި ވިނީޝިއަސްއާ ގުޅިގެން ކުޅެން އޭނާއަށް އުނދަގޫވިއެވެ. އަދި ބަދަލުކުރުމުގެ ކުރިން މެޗަށް މާ ބޮޑު ނުފޫޒެއް ފޯރުވޭ ގޮތެއް ނުވިއެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި