އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ އެއްވެސް އުޖޫރައަކާ ނުލައި ލޭ ހަދިޔާކުރާ ފަރާތްތަކުން ވެދޭ އަގުނުކުރެވޭފަދަ އެހީތެރިކަމާއި، އެފަރާތްތަކުގެ ދީލަތިކަމުގެ ސަބަބުން ސަލާމަތްވާ އެތައް ފުރާނައެއްގެ އަގު ވަޒަންކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ލޭ ހަދިޔާކުރާ ފަރާތްތަކުގެ އިޚްލާޞްތެރި އަމަލަކީ، ދިގު މުއްދަތަކަށް ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ކުއްލި ފަރުވާއަށް ބޭނުންވާ ބަލިމީހުންނަށް، އެންމެ ބޭނުންޖެހޭ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ބާރެކެވެ.
ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ލެޔަކީ އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންނުކުރެވޭނެ ފަދަ އަގުހުރި ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
"އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ސިއްހީ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށާއި، ގައުމީ ފެންވަރުގައި ކުއްލި ހާލަތްތަކަށް ތައްޔާރުވެފައި އޮތުމަށްޓަކައި، އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ،" ރައީސް ވިދާޅުވިއެވެ.
ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ސިއްހީ ކުއްލި ހާލަތްތަކުގައި ވަގުތުން ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ލޭ ހަދިޔާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކޮށް، އެންމެންގެ ސިއްހަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ ސަގާފަތެއް ބިނާކުރުމުގެ މަސައްކަތުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ