ފޯރިގަދަ އަދި ރެކޯޑްތަކުން ފުރިގެންވީ މެޗުތަކަކާއެކު ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގެ ކުޅުން ފެށިގެން ދިޔައިރު، މުބާރާތް ބާއްވާ މެކްސިކޯއާއި ދެކުނު ކޮރެއާއިން ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ތާވަލުގެ ކުރި ހޯދައިފިއެވެ.
ގިނަ އަދަދެއްގެ ރަތް ކާޑު ފެނުނު ފެނުނު މުބާރާތުގެ ފުރަތަމަ މެޗުން 2-0 އިން މެކްސިކޯ ވަނީ ދެކުނު އެފްރިކާ ބަލިކޮށްފައެވެ. އަދި ގްރޫޕްގެ ދެވަނަ މެޗުގައި ދެކުނު ކޮރެއާއިން ފަހަތުން އަރައި 2-1 އިން ޗެކް ރިޕަބްލިކް މާޔޫސްކޮށްލައިފައެވެ. މިއާއެކު މެކްސިކޯއާއި ކޮރެއާއަށް ވަނީ ތިނެއްް ޕޮއިންޓް ލިބިފައެވެ.
މެކްސިކޯއިން ދެކުނު އެފްރިކާ ބަލިކުރި މެޗުގައި ޖުމްލަ 3 ރަތް ކާޑު ދެއްކިއެވެ. މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މުބާރާތުގެ ފުރަތަމަ މެޗު ވެގެންގޮސްފައި ވަނީ ރީތި ފުޓްބޯޅައަކަށްވުރެ ބޮޑަށް، ދަނޑުމަތިން ފެނުނު ހޫނުގަދަ ކުރިމަތިލުންތަކުގެ ސަބަބުން ތާރީހުގެ ތެރެއަށް ދިޔަ މެޗަކަށެވެ.
މެޗުގައި މެކްސިކޯގެ ޖޫލިއަން ކީނިއޯނެސްގެ ކުރިކޮޅުގެ ލަނޑުންނާއި ރައުލް ހިމެނޭޒް ބޮލުން ވައްދާލި ލަނޑުން މެކްސިކޯއިން ސަޕޯޓަރުން އުފާކޮށްދިނެވެ. ނަމަވެސް، މެޗުގެ ފޯރި ހޫނުވީ ދެވަނަ ހާފުގައި ދެކުނު އެފްރިކާގެ ސްޕެފެލޯ ސިތޯލްއާއި ތެމްބާ ޒްވާނޭއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
މެޗު ނިމެން ދަނިކޮށް މެކްސިކޯގެ ސޭސަރ މޮންޓޭސްއަށްވެސް ވަނީ ރެޑް ކާޑެއް ދައްކާފައެވެ. މިއީ ވޯލްޑް ކަޕްގެ ހުޅުވާ މެޗެއްގައި ތިން ރަތް ކާޑު ފެނުނު ފުރަތަމަ ފަހަރެވެ.
މެކްސިކޯގެ ޑިމާންޑިން ކޯޗު ހާވިއޭ އަގުއިރޭ މެޗަށްފަހު ބުނީ، މިއީ 4-0 އިން މޮޅުވާންޖެހޭ މެޗެއް ކަމަށާއި، ކުޅުމާމެދު ހިތްހަމަނުޖެހުނަސް ލިބުނު 3 ޕޮއިންޓާއެކު ހާސްކަން ކެނޑިއްޖެ ކަމަށެވެ.
ފަހަތުން އަރައި ޗެކުންގެ މައްޗަށް ކޮރެއާގެ ކުރި ހޯދުން
ހަމަ މި ގްރޫޕްގެ ދެވަނަ މެޗުގައި، ލަދިސްލާވް ކްރެޖްޗީ ބޮލުން ޖެހި ރީތި ލަނޑުން ޗެކް ރިޕަބްލިކުން ފުރަތަމަ ކުރިހޯދާފައިވަނިކޮށް، ދެކުނު ކޮރެއާއިން ވަނީ ހިތްވަރުގަދަ ކުޅުމަކާއެކު މެޗު އަނބުރާލާފައެވެ. ކޮރެއާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ހުވާން އިން-ބިއޮމްއެވެ.
އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އޯ ހްޔިއޮން-ގްޔޫ މެޗުން ކޮރެއާ މޮޅުކޮށްދިން ލަނޑު ޖެހީވެސް ހުވާން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މި މެޗުގައި ކޮރެއާގެ ތަރި ސޮން ހެއުން-މިންއަށް ފުރަތަމަ ހާފުގައި އެކަނިވެސް 5 ފުރުސަތު ލިބި ބޭކާރުވިއެވެ. ގައުމީ ޓީމަށް 56 ލަނޑު ޖަހާދީފައިވާ ސޮންއަށް، ގައުމުގެ އޯލް-ޓައިމް ސްކޯރިންގ ރެކޯޑާ ހަމަކުރަން ބޭނުންވާ 2 ލަނޑު މި މެޗުގައި ކާމިޔާބެއް ނުކުރެވުނެވެ.
ސްޓޭޑިއަމްގެ ބައެއް ދިމާތަކުން ގޮނޑިތައް ހުސްކޮށް ހުރުމުން، ދަނޑަށް މެޗު ބަލަން ވަތް މީހުންގެ ޖުމްލަ ނަމްބަރު ކަމަށްވާ 44,985 އާމެދު ސުވާލު އުފެދުނު ނަމަވެސް، ދަނޑަށް ވަން ގިނަ ރައްޔިތުން ތިބީ ކޮރެއާގެ ފަހަތުގައެވެ. މީގެ ސަބަބަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު 2-0 އިން ބަލިކޮށް، މެކްސިކޯ ދެވަނަ ބުރަށް ވައްދައިދިނުމުގައި ކޮރެއާއިން ފޯރުކޮށްދިން އެހީތެރިކަން މެކްސިކޯގެ ލޯކަލް ސަޕޯޓަރުން އަދިވެސް ހަނދާން ހުރުމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން
މޯދީގެ ތާރީހީ ކާމިޔާބީއާ ގުޅިގެން ޝާހިދުގެ މަރުހަބާ