އިންޑިއާގެ ސިޔާސީ ތާރީޚުން މިއަދު ފެނިގެން މިދަނީ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ އާ ބާބެކެވެ. އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިވަނީ މެދުކެނޑުމެއްނެތި ބޮޑުވަޒީރުކަމުގެ މަގާމުގައި 4،399 ދުވަސް ހޭދަކުރައްވައި، ތާރީޚީ ބޮޑު ރެކޯޑެއް ގާއިމުކުރައްވާފައެވެ. މިއާއެކު، އެމަނިކުފާނު ވެވަޑައިގެންފައިވަނީ އިންޑިއާގެ ތާރީޚުގައިވެސް އެންމެ ދިގު މުއްދަތަކަށް، މެދުކެނޑުމެއްނެތި ވެރިކަން ކުރެއްވި ޑިމޮކްރެޓިކް ބޮޑުވަޒީރަށެވެ.

އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން އުފަންވި ފުރަތަމަ ބޮޑުވަޒީރުގެ ޝަރަފު ހޯއްދަވާފައިވާ މޯދީއަކީ، 2001 އިން 2014 އަށް ގުޖުރާތުގެ މުއްދަތުގައުމީ ރެކޯޑެއް ހެއްދެވި ޗީފް މިނިސްޓަރެއްވެސް މެއެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ގެންގުޅުއްވި "ސަބްކާ ސާތު، ސަބްކާ ވިކާސް، ސަބްކާ ވިޝްވާސް" (އެންމެންނާއެކު، އެންމެންގެ ތަރައްގީއަށް، އެންމެންގެ އިތުބާރާއެކު) މި ޝިއާރުގެ ދަށުން، އިންޑިއާގެ ހިންގުމުގެ ނިޒާމަށް ވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފައެވެ.

ރައްޔިތުންނަށް އަމާޒުކުރެވުނު އިންގިލާބީ ތަރައްގީމޯދީގެ 12 އަހަރުގެ ދިގު ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: މޯދީ ބޮޑުވަޒީރުކަމުގައި ހުންނަވާތާ މިއަދަށް 12 އަހަރު ވަނީ ފުރިފައި ---

އެގޮތުން ގެނެވުނު އިގްތިސާދީ ކުރިއެރުމާއެކު، 248 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ފަގީރުކަމުގެ ރޭކާލައިން މިންޖުކޮށްދީފައެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ހިންގުނު ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

އެންމެންނަށް ބޯހިޔާވަހިކަން:

"ޕްރަދާން މަންތުރީ އަވާސް ޔޯޖަނާ" ގެ ދަށުން ނިކަމެތި އެތައް މިލިއަން އާއިލާއަކަށް ވަނީ ކޮންކްރީޓްގެ ރަނގަޅު ފެންވަރުގެ ގެދޮރު ހަދައިދީފައެވެ.

  • ސާފު ބޯފެން: "ޖަލް ޖީވަަން މިޝަން" ގެ ދަށުން 14 ކްރޯޑަށްވުރެ (140 މިލިއަން) ގިނަ ރަށުތެރޭގެ ގޭގެއަށް ވަނީ އިސްކުރު ފެނުގެ ނިޒާމު ގުޅައިދީފައެވެ.
  • ތާހިރުކަމުގެ ބޮޑު ބަދަލު: "ސްވަޗް ބާރަތު މިޝަން" ގެ ދަށުން މުޅި ގައުމުގައި 11 ކްރޯޑަށްވުރެ (110 މިލިއަން) ގިނަ ފާޚާނާ ބިނާކޮށް، އާންމު ސިއްހަތު ވަނީ ބޮޑުތަނުން ރަނގަޅުކޮށްފައެވެ.
އިންޑިއާ އޭއައި ސަމިޓް އިމްޕެކް 2026ގައި މޯދީ ތަގުރީރު ކުރައްވަނީ ---

މީގެއިތުރުން، "މޭކް އިން އިންޑިއާ" ސިޔާސަތުގެ ދަށުން ގައުމީ ސަލާމަތާއި ދިފާއީ ދާއިރާ ވަނީ އާ ހިސާބަކަށް ގެންގޮސްފައެވެ. އަމިއްލަ މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި ކުރިއަރާފައިވާ ފައިޓަރ ޖެޓްތައް އަމިއްލައަށް އުފައްދައި، ބޭރުގެ ގައުމުތަކަށް ބަރޯސާވުން ކުޑަކޮށް، އިންޑިއާ މިއަދު ވަނީ އަސްކަރީ ސާމާނު ދުނިޔެއަށް އެކްސްޕޯޓްކުރާ ބޮޑު ބާރަކަށް ވެފައެވެ.

ދިވެހިރާއްޖެއާއެކު އޮތް ގާތް ގުޅުން:

މި ތާރީޚީ މުއްދަތަކީ ދިވެހިރާއްޖެއާއި މުޅި އިންޑިއާ ކަނޑުގެ ސަރަޙައްދަށް ސިޔާސީ ހަމަޖެހުމާއި ފުން އެއްބާރުލުމެއް ލިބިގެންދިޔަ ދުވަސްތަކެކެވެ. މާލޭގައި ބޭއްވުނު ރަސްމީ ޖާފަތެއްގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑުވަޒީރު މޯދީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ގެންގުޅުއްވާ މަތިވެރި އަޒުމާއި ގުރުބާނީ ފާހަގަކުރައްވައި، ތައުރީފު ކުރައްވާފައެވެ.

ރައީސް މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ ސަލާމް ކުރައްވަނީ --- ފޮޓޯ | ރައީސް އޮފީސް

ދެގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދެނީ ބޮޑުވަޒީރު މޯދީ އެމަނިކުފާނުގެ ދައުރުތަކުގައި ހަތަރު ފަހަރެއްގެ މަތިން ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތްތަކުންނެވެ. މިއީ ނިއުދިއްލީގެ "ނޭބަހުޑް ފަސްޓް" ނުވަތަ އަވަށްޓެރި ގައުމުތަކަށް އިސްކަންދޭ ސިޔާސަތުގެ ދަށުން ދިވެހިރާއްޖެއަށް ދޭ މުހިންމުކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެކެވެ.

ދުނިޔޭގެ ސްޓޭޖުގައި ލީޑަރެއްގެ ދައުރު:

ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާ މިއަދު ފެންނަނީ ހަމައެކަނި ބަލަން ހުންނަ ގައުމެއްގެ ގޮތުގައެއް ނޫނެވެ. ދުނިޔޭގެ ކަންކަން ނިންމުމުގައި އިސްކޮށް ހަރަކާތްތެރިވާ ލީޑަރެއްގެ ގޮތުގައެވެ. މޯދީގެ "މަލްޓި-އެލައިންމަންޓް" ނުވަތަ ގިނަ ފަރާތްތަކާ އެކުވެރިވުމުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، ކުރިއަރަމުން އަންނަ ގައުމުތައް ވަނީ އެއްގަލަކަށް ބާރުވެފައެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ މިސާލަކީ އިންޑިއާއިން ކާމިޔާބުކަމާއެކު ބޭއްވި ޖީ20 ސަމިޓެވެ.

މިއަދު ނިއުދިއްލީއަކީ "ގްލޯބަލް ސައުތު" ނުވަތަ ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކުގެ އެންމެ ވަރުގަދަ އަޑެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ދިމާވާ އިންސާނީ އެކި ކާރިސާތަކުގައި އެންމެ ފުރަތަމަ އެހީގެ އަތްދިއްކޮށްލާ އިތުބާރު ހުރި ގައުމަކީވެސް އިންޑިއާއެވެ.

ރަޝިޔާގެ ރައީސް ޕުޓިން އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ: ފޮޓޯ | އޭއެފްޕީ

އިންޑިއާގެ ތާރީޚީ ވެރިކަމުގެ މި އާ ބާބާއެކު، ދިވެހިރާއްޖެއަށް ލިބިގެންދާނީ އިތުބާރު ހުރި، އަދި ކުރިއަށްވުރެ މާ ވަރުގަދަ ބައިވެރިއެކެވެ. ދެގައުމުގެ މެދުގައި އޮތް ކަނޑުގެ ފުން ގުޅުންތަކާއެކު، ކުރިއަށް އޮތީ މާ ހަމަޖެހޭ، ރައްކާތެރި އަދި ފާގަތި މުސްތަގުބަލެކެވެ.