ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސްކަމަކީ އެއްވެސް އިރެއްގައި ބޭނުންވި މަގާމެއް ނޫން ކަމަށާއި އެހެންނަމަވެސް އެ މަގާމާއި ހަވާލުވެވަޑައިގަތީ ޕާޓީގެ މަސްލަހަތަށްޓަކައި ކަމަށް ދާދިފަހުން މަޖިލިސް ނާއިބު ކަމަށް އިންތިހާބު ކުރެއްވި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސްކަން ބޭނުންނުވާ އެތައް ސަބަބުތަކެއް އެބަހުރި ކަމަށެވެ. އަދި އޭނާއަކީ އަމިއްލަ ވިޔަފާރީގައި ވެސް އެހާމެ ބުރަކޮށް އުޅުއްވާ ބޭފުޅެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
އޭނާއަކީ މާ މަތީ ފެންވަރެއްގެ ޝާހީ ދިރިއުޅުމެއް އުޅެން ބޭނުންވާ މީހެއް ނޫން ކަމަށާއި އެހެންކަމުން މަޖިލީހުގެ އިދާރާއިން ގުޅާފައި ރަސްމީ ކާރުކޮޅާ ހަވާލުވުމަށް އެދުމުންވެސް އެކަމަށް އޭނާ އިންކާރު ކުރައްވާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
"ހަގީގަތުގައި ދަންނަވާ ނަމަ، އަޅުގަނޑު ވެސް މަޖިލީހުގެ ނައިބު ރައީސްކަމެއް ބޭނުމެއް ނޫން. އެހެންނަމަވެސް، މިއަދުގެ ހާލަތާއި، މިއަދުގެ ޕާޓީގެ މަސްލަހަތާއި، ޕާޓީގެ އެކުވެރިކަމާއި، ޕާޓީގެ ގުޅުން ބަދަހިކުރުމަށްޓަކައި އަޅުގަނޑު މި މަގާމާ ހަވާލުވީ،" ސަލީމް ވިދާޅުވިއެވެ.
މަގާމުގެ ހައިސިއްޔަތުން ލިބިދޭ ރައްކާތެރިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ސަލީމް ފާހަގަކުރެއްވީ، ގާނޫނީ ހަމަތަކުގެ މަތިންނާއި ސަލާމަތީ ނަޒަރަކުން ބަލާއިރު ސެކިއުރިޓީގެ މުހިންމުކަން އޭނާއަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެހެންނަމަވެސް، އޭނާގެ ހަގީގީ ހިމާޔަތާއި ރައްކާތެރިކަން ބިނާވެފައިވަނީ މާތް الله އަށް ކުރާ ފުރިހަމަ އިތުބާރާއި ވަކީލުކުރުމުގެ މައްޗަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
ސަލީމް މަޖިލީހުގެ ނާއިބު ރައީސްކަމަށް އިންތިހާބު ކުރީ ކުރިން އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މަގާމުން ވަކިކުރެއްވުމަށް ހުށަހަޅާފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ނާޒިމް އިސްތިއުފާ ދެއްވުމުން މަޖިލީހުގެ ނާއިބު ރައީސް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ.
މިމަހުގެ އެއްވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަލީމް މަޖިލިސް ނާއިބަކަށް އިންތިހާބު ކުރެއްވީ 62 މެންބަރުންގެ ވޯޓުންނެވެ.
މަޖިލިސް ނާއިބުކަން އެއްވެސް އިރެއްގައި ބޭނުމެއް ނޫން: ސަލީމް
މެންބަރު އަސްމާގެ ކިބައިން ރައީސް މައާފަށް އެދިވަޑައިގެންފި
މި ހުރީ ހަމަ ވަރަށް ގަދަކޮށް ރައީސް މުއިއްޒާއެކު: ޒަމީރު
ޝައްމާންގެ މައްޗަށް 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް
ފިނޭންސް މިނިސްޓަރުކަމަށް ޒަރީރު
ފިނޭންސް މިނިސްޓަރުކަމުން ޒަމީރު އިސްތިއުފާ ދެއްވައިފި