ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ކަމަށް މަޖިލިސް އިދާރާ އިން ބުނެފިއެވެ.

ނާޒިމް އިސްތިއުފާ ދެއްވީ މިއަދު އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރުވެފައި ވަނިކޮށެވެ. އެ ވޯޓު ނެގުމަށް ހުށަހެޅީ ޕީއެންސީންނެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ޕީއެންސީގެ މަޖިލިސް މެންބަރަކު މިއަދު "ހަތާވީސް" އަށް ވިދާޅުވީ އެޕާޓީގެ ޕީޖީ ތެރޭގައި ތިން ނަމެއް މަޖިލިސް ނާއިބަކަށް ގެނައުމަށް ވާހަކަދައްކަމުން އަންނަ ކަމަށެވެ.

"އެއީ ޝުޖާ (ބާރަށު ދާއިރާ) ދެން ޕީޖީ ލީޑަރު ފަލާހް (އިނގުރައިދޫ ދާއިރާ) އަދި ޓޮމް (މަހިބަދޫ ދާއިރާ). އެކަމަކު އަދި ވަކި ގޮތެއް ނުނިންމަން. ވާހަކަ ދެކެވެމުން އަންނަނީ،" އޭނާ ވިދާޅުވިއެވެ.

މި ތިން ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު މަޖިލީހުގައި މަސައްކަތް ކުރެއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް (ޓޮމް) އެވެ. އިބްރާހީމް ޝުޖާ އާއި އިބްރާހީމް ފަލާހަކީ 18ވަނަ މަޖިލީހުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ.