ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުގެ މަގާމަށް އަލްއުސްތާޛު އަލީ ނަސީރު ގާސިމް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

އަލީ ނަސީރު ގާސިމް އެ މަގާމަށް އިސްކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައެވެ. މި އައްޔަންކުރެއްވުމަކީ ގާނޫނު ނަންބަރު 10/2008 ގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތިން ކުރެއްވި ކަމެކެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ އަލީ ނަސީރު ގާސިމް ކުރެއްވުމަށްފަހު އިގްރާރުގައި ސޮއިކުރެއްވިއެވެ. ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަލީ ރަޝީދު ހުސައިނެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ރަސްމީ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަލީ ނަސީރު ގާސިމާ ހަވާލުކުރައްވާފައެވެ.

ނަސީރު އެ މަގާމަށް ހަމަޖެއްސެވީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒްމީދު އިސްތިއުފާ ދިނުމުންނެވެ.