ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުގައި ސިޔާސީ މަސައްކަތްތަކެއް ކުރެއްވުމަށްޓަކައި އެ ބޭފުޅުން ތަމްސީލުކުރާނެ މަންދޫބުންތަކެއް ވަނީ ހަމަޖައްސަވާފައެވެ.
މީޑިއާތަކަށް މައުލޫމާތު ދިނުމަށް އެކުލަވާލާފައިވާ ގްރޫޕެއް މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، ރައީސް ނަޝީދުގެ ފަރާތްޕުޅުން މި މަސައްކަތުގައި އިސްކޮށް އުޅުއްވާނީ ކުރީގެ މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ރައީސް ސޯލިހްގެ ފަރާތްޕުޅުން މަންދޫބުންގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ މެންބަރު އަހުމަދު ސަލީމާއި މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
މީގެ އިތުރުން، ރައީސް ޔާމީންގެ ފަރާތްޕުޅުން މި ކަމަށް ކަނޑައެޅުއްވީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި އިސްމާއީލް ޒަރިޔަންދެވެ.
ތިން ރައީސުންގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން އޮތީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެ ބައްދަލުވުމުގައި ތިން ރައީސުން ވަނީ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.
މީޑިއާތަކަށް ހާމަކޮށްފައިވާ މި އެއްބަސްވުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަށް އުނިކަން ލިބި، އަދުލު އިންސާފު ގާއިމުކުރާ ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބާރުތައް ހަނިކޮށްފައިވާ ކަމަށްވެސް މި ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.
މީގެއިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ނޫސްވެރިން ހައްޔަރުކުރުމާއި، ގައުމުގެ އިގުތިސޯދީ ހާލަތު ދަށަށްގޮސް ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވެފައިވާކަން ތިން ރައީސުން ސޮއިކުރެއްވި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.
ސަރުކާރަށް މި މައްސަލަތައް ހައްލުކުރުމަށް ނުކުޅެދިފައިވާ ކަމަށާއި، ދައުލަތުގެ މާލިއްޔަތާއި މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން މިހާރު ގެއްލިފައިވާ ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.
އެއްބަސްވުމުގައި ވާގޮތުން، ދިވެހިން އެތައް އަހަރެއްގެ މަސައްކަތުން ހޯދި ޑިމޮކްރަސީގެ އުސޫލުތައް ނެތިގެންދާތީ، ގައުމު އަލުން ހަމަ މަގަށް ރުޖޫއަކުރުމަށްޓަކައި ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.
މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއްގެ ގޮތުގައި ތިން ރައީސުން އެދިވަޑައިގެންފައިވަނީ ކޯޓުގެ އަމުރަކާ ހިލާފުވި ކަމަށް ބުނެ ބަންދުކޮށްފައިވާ ދެ ނޫސްވެރިންނާއި، އެކަމާ ގުޅިގެން އިހުތިޖާޖުކޮށްގެން ހައްޔަރުކުރި މީހުން މިނިވަންކުރުމަށެވެ. އަދި 'އަދަދު' ނޫހުގެ ދެ ނޫސްވެރިންގެ މައްޗަށް ކުރިއަށްގެންދާ ޝަރީއަތްތައް ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި
ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
މަސައްކަތްތައް ބައްޓަން ކުރައްވާނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް
އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރައްވައިފި
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ