ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނާއި އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގޯސްކޮށް ކަންތައްތަކެއް ކުރެވިފައި ހުންނާނެ ކަމަށް ތިން ރައީސުންވެސް އެއްބަސްވެވަޑައިގެންފިއެވެ.

މިފަދައިން ތިން ރައީސުން ވިދާޅުވެފައި ވަނީ މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި މަސައްކަތް ކުރައްވަން ކުރީގެ ތިން ރައީސުން ނިންމެވުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެކަން އެންމެ ފުރަތަމަ ހިއްސާ ކުރެއްވީ ކުރީގެ ރައީސް ޔާމީނެވެ. ޔާމީންގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ ދިވެހިން މިހާރު ކަޑަތު ކުރަމުން އަންނަ ދުވަސްތަކަކީ އެންމެ ހިތްފަސޭހަ ދުވަސްތަކެއް ނޫން ކަމަށެވެ. ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ހާލަތެއްގައި ސަރުކާރާއި ދެކޮޅަށް އަޑު އުފުލުމަކީ އެންމެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނިގެން ދަނީ "ހުދުމުހުތާރު" ވެރިކަމެއްގެ ސިފަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތިން ބޭފުޅުންގެ ސަރުކާރުވެސް އަޅުގަނޑު ނުދަންނަވާނަން ހަމަ ތިބޭފުޅުންގެ ތެރެއިން މި ސުވާލުވެސް އަންނާނެތީ ދަންނަވާލީ އަޅުގަނޑުމެން ހިންގީވެސް ޕާފެކްޓް ވެރިކަމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

އެއަށްފަހު ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އަށް އިސްލާހު ގެނެވި 2008ވަނަ އަހަރު އެ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން އެންމެ ފުރަތަމަ ވެރިކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގަތީ އެމަނިކުފާނަށް ކަމަށެވެ. ހުދު އެމަނިކުފާނުގެ ވެރިކަމުގައިވެސް ގޯސްކޮށް ކަންތައްތަކެއް ހިނގާފައި ހުންނާނެ ކަމަށް ނަޝީދު އެއްބަސްވެވަޑައިގެންނެވިއެވެ.

"ރައީސް ޔާމީންވެސް ސޯލިހުވެސް އަދި އަޅުގަނޑުވެސް. އަޅުގަނޑުމެން ފައްޓަމުން ދެންނެވިން އަޅުގަނޑުމެން މިރޭ ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ މިތިބީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ވެރިކަންތައް އެއީ އެންމެ ފުރިހަމަ ގޮތުގައި ކުރެވުނު ވެރިކަންތައް ކަމަކަށް ދެކިގެނެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންވެސް އަދި ނޫސްވެރިންގެ ހިތުގައިވެސް އެތަކެއް ސުވާލުތަކެއް އުފެދޭނެ ކަންތައްތަކެއް ތިން ރައީސުންގެ ވެރިކަންތަކުގައިވެސް ހިނގާފައި ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް މީހެއްގެ ވެރިކަމަކީ ތި ހުރިހާ ބޭފުޅުން ގަބޫލުކުރާ އެންމެ ރަނގަޅަށް ކުރެވުނު ވެރިކަންތަކެއް ނޫން،" ސޯލިހް ވިދާޅުވިއެވެ.

ރޭގެ މަޝްވަރާ ބައްދަލުވުމުގައި ތިން ރައީސުންވެސް ވަނީ ތިން ބޭފުޅުންނަށްވެސް އެއްބަސްވެވޭ ކަންތައްތަކެއްގައި އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރައްވަވާފައެވެ.