ރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ވެލިދޫ ދާއިރާގެ މެންބަރު އަހްމަދު އައްބާސް އަބުރުގެ ދައުވާ ކުރެއްވުމަށް ނިންމަވައިފިއެވެ.

ރޭގެ ޖަލްސާގައި ފަލާހް ވަނީ އައްބާސް "އައިޝާ" ކިޔާ އަންހެން ކުއްޖަކު އެޕާޓުމަންޓެއް ކުއްޔަށް ނަގައިގެން 8 މަސް ދުވަސް ވަންދެން ގެންގުޅުނު ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ އަންހެން ކުއްޖާގެ ކަންތައް އައްބާސްގެ ދަރިއަކަށް އެނގުމުން އެ މައްސަލާގައި އައްބާސްގެ އަނބިކަނބަލުން ވެސް އައްބާސް ދޫކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

އެވާހަކަ އޮއްބާލުމުގެ ގޮތުން އެހެން މީހުންގެ ބޮލުގައި އެކަން އަޅުވަނީ ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ފަލާހު އޭނާގެ އަބުރައް ހުތުރުވާ ގޮތަށް އަދި އޭނާގެ އަނބި ދަރިންނާ ބެހޭ ގޮތުން ދެއްކެވީ ހަގީގަތާއި ހިލާފު ދޮގު ހަޑި ހުތުރު ވާހަކަތަކެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބުރާތުން ކުއްވެރި ކުރައްވާ ކަމަށެވެ.

"މީގެ އިތުރުން އަޅުގަނޑާ ބެހޭ ގޮތުން އެވިދާޅުވި ހުރިހާ ވާހަކަ ތަކަކީވެސް ކަޑައެޅިގެން ދޮގުކަން އަޅުގަނޑުގެ އަނބި ދަރީން އާއިލާ އާ އެކުވެރިން ހެކިވާނެ،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ އޭނާގެ އަނބި ދަރިންނާ އާއިލާ އަކީ ވަރަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ބައެއްކަން އޭނާ ދަންނަ ކޮންމެ ރައްޔިތަކު ހެކިވާނެ ކަމަށެވެ.

"މިކަމުގައި ހޯދަންޖެހޭ ގާނޫނީ ލަފާ ހޯދުމަށް ފަހު އަބުރުގެ ދައުވާ [ފަލާހާ ދެކޮޅަށް] ކުރުމާ މެދު އަޅުގަނޑު ގެ ގާނޫނީ ޓީމުން ކުރަމުންދާ ވާހަކަ އެންމެ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" އައްބާސް ވިދާޅުވިއެވެ.

"އައިޝާ" ކިޔާ އަންހެނެއްގެ ވާހަކަތަކަށް މިފަހަކަށް އައިސް ދެކެވެން ފެށީ "އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓްރީއަކާއި ގުޅިގެންނެވެ. ނަމަވެސް އެ ޑޮކިއުމަންޓްރީގައިވާ ވާހަކަތައް ދެއްކުން ކްރިމިނަލް ކޯޓުން ވަނީ ހުރިހާ ރައްޔިތުންގެ މައްޗަށް މަނާކޮށް އަމުރެއް ނެރެފައެވެ.