"އަދަދު" ނޫހުން ތައްޔާރުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމަށް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
މި އަމުރު ކޯޓުން ނެރުނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މި މައްސަލަ ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅާ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ އިތުރުން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާ މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު ވަކި ކަންތައްތަކަކަށް އަމަލުކުރުމަށް އަމުރެއް ނެރެދިނުމަށް ދައުލަތުން އެދުމާ ގުޅިގެންނެވެ.
އެ އަމުރުގައި އާންމު އެންމެހައި ފަރާތްތަކުން އަމަލުކުރަންޖެހޭ ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ ފެތުރުން ހުއްޓާލުމާއި، އޭގައިވާ ވާހަކަތައް އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގައި ހިމެނޭ ހަސްމުންނާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމުގެ އިތުރުން ޝަރީއަތުގެ ލިޔެކިޔުންތައް އާންމު ނުކުރުން ހިމެނެއެވެ. މި އެންގުންތަކާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ.
ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑުވެގެންވާ ފާފައެކެވެ. އިންސާނާގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމުގެ މަގްސަދުގައި މިކަން ހަރުކަށި އިބާރާތުން ނަހީކޮށް، ބޮޑެތި އަދަބުތައް ވަނީ ކަނޑައެޅިފައެވެ. އަދި މީހެއްގެ މައްޗަށް ދައުވާ އުފުލުނު ކަމުގައިވިޔަސް، އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު އޮންނާނެ ކަމަށާއި، އެކަށީގެންވާ މިންވަރަށް ކުށް ސާބިތުނުވާހާ ހިނދަކު އެއީ ކުށްވެރިއެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް އަމުރުގައިވެއެވެ.
މީގެ އިތުރުން، ޝަރީއަތުގެ މަރުހަލާގައި ދައުވާލިބޭ ފަރާތާއި އަނިޔާލިބުނު ފަރާތުގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކުރަންޖެހޭނެ ކަމަށް ކޯޓުން ބުންޏެވެ. މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި މިނިވަންކަން ދެމެހެއްޓުމަކީ ކޯޓުތަކުގެ މައްޗަށް އޮތް ޒިންމާއެއްކަން ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި