ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ، އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށްލާން ހުކުމް ކުރުމާއި ގުޅިގެން އެ ދެ ނޫސްވެެރިން ދޫކޮށްލުމަަށް ކުރީގެ ރައީސް ޔާމީން ގޮވާލައްވައިފިއެވެ.
ޔާމީންގެ ޕާޓީ ޕީއެންއެފްގެ މީޑިއާ ގްރޫޕަށް ޔާމީންގެ ފަރާތްޕުޅުން ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ނޫސްވެރިން ކުރަމުން ގެންދަނީ ގައުމީ މަސައްކަތެއް ކަމަށެވެ. އަދި ގޮވާލެއްވީ އަބުރު ރައްކާތެރި ކުރުމަށް އަބުރުގެ ދައުވާ ކުރަން ދަސްކުރުމަށެވެ.
ޔާމީން މިފަދައިން ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި ވެސް ނޫސްވެރިންތަކެއް ހައްޔަރުކޮށް ޖަލަށްލެވުނެވެ. އަދި ބައެއް މީޑިއާތައް ބަންދުވެސްކުރިއެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށެވެ. އަދި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށެވެ.
"އަދަދު" ނޫހުގެ ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރުން ކޯޓުން މަނާކޮށްފައި ވަނިކޮށް، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައުޟޫއަށް ސުވާލުކުރުމާ ގުޅިގެން ޝަހުޒާން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެ ޑޮކިއުމެންޓްރީ ފެތުރުން ހުއްޓާލުމަށާއި، އޭގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުދެއްކުމަށެވެ. މި އަމުރު ނެރުނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ކުރާ ގަޒުފުކުރުމުގެ ދައުވާއާ ގުޅިގެން ދައުލަތުން އެދިގެންނެވެ. މި މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލަކީ ކޯޓު އަމުރާ ހިލާފު ކަމެއް ކަމަށް ރައީސް ފާހަގަކުރައްވައި، އޭނާ އެ ތަނުން ނުކުތުމަށް އެންގެވި އެވެ. އެއާއެކު ސެކިއުރިޓީން ވަނީ އޭނާ އެ މާލަމުން ބޭރުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ޝަހުޒާން މިއަދު ކޯޓަށް ހާޒިރުކުރި އެވެ. މީގެ އިތުރުން، ލީވާން ބަންދުކުރަން އަމުރުކުރީ އެ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ނެރެފައިވާ އަމުރާ ހިލާފަށް ޚަބަރު ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ. އޭނާ ވެސް މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް