ރާއްޖޭގައި މިހާރު ކުރިޔަށް ގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަސައްކަތް ކަމަށްވާ "ތިލަމާލެ" މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ވިލާތުގެ ބާޒާރަށް ނިކުމެއްޖެއެވެ. މިމަގު އެކުންފުންޏަށް ފަހިވެގެން ދިޔައީ ކްރޮއޭޝިއާގެ ރޭލްވޭގެ ބޮޑު މަޝްރޫއުގެ ބިޑު ކާމިޔާބު ކުރުމުންނެވެ.

އެ މަޝްރޫއުކީ ދުނިޔޭގެ ފެންވަރުގެ އިންފްރާސްޓްރަކްޗާ ފޯރުކޮށްދިނުމަށް އެފްކޮންސް އިން ގެންގުޅޭ ދިގު މުއްދަތުގެ ސިޔާސަތު ހާމަކޮށްދޭ، އަދި މިހާތަނަށް އެ ކުންފުންޏަށް ބައިނަލްއަގުވާމީ މައިދާނުން ލިބުނު އެންމެ ބޮޑު އޯޑަރުވެމެއެވެ.

އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑްގެ އެގްޒެކެޓިވް ޗެއާމަން ކްރިޝްނަމުރުތީ ސުބްރަމާނިއަން ވިދާޅުވީ، އެ މަޝްރޫއު އަކީ ތާރީހީ ބޮޑު މަޝްރޫއުއެއް ކަމަށެވެ. އަދި އެއީ އެކުންފުނީގެ ބައިނަލްއަގުވާމީ ދަތުރުގައި އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮޅުންބޮޅުން ބޮޑު، ބިޔަ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ހިންގުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި ހުރިކަން ހާމަކޮށްދޭ ކަމެއް. ޔޫރަޕްގެ ގައުމެއްގެ ރޭލު ނެޓްވޯކް ޒަމާނީ ކުރުމުގައި ހިއްސާވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. އަދި މި ކާމިޔާބީގެ ސަބަބުން ބައިނަލްއަގުވާމީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގައި އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި އަޅުގަނޑުމެންގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެ،"

އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އެސް. ޕަރަމަސިވަން ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މިހާރު އޮތް ރޭލު ދަގަނޑު އަލުން ހެދުމާއި، ދެވަނަ ރޭލު ދަގަނޑެއް އެޅުން ހިމެނޭ ކަމަށެވެ. ސިވިލް މަސައްކަތްތަކުގެ އިތުރުން، އޯވަހެޑް އިލެކްޓްރިފިކޭޝަން، ސިގްނަލް ދިނުމާއި އަދި ޓެލެކޮމިއުނިކޭޝަން މަސައްކަތްތައް ވެސް އެ މަޝްރޫއުގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ޓެކްސް ނުހިމަނައި އެ މަޝްރޫޢުގެ އަގަކީ 677.07 މިލިއަން ޔޫރޯއެވެ.

އެފްކޮންސްގެ އަމާޒަކީ މުޖުތަމައުތައް ގުޅުވައިދީ، އިގްތިސާދީ ކުރިއެރުން ގެނެސްދޭ ފަދަ ބަދަލުތަކެއް ގެނުވާ މަޝްރޫއުތަކުގެ ޒަރީއްޔާއިން ހިއްސާދާރުންނަށް ދެމެހެއްޓެނިވި މަންފާ ހޯދައިދިނުން ކަމަށް އެކުންފުނިން ބުނެއެވެ.