ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމު ކޮށްގެން ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސަކަށް "އަދަދު" ނޫހުގެ އެއްވެސް ނޫސްވެރިން ވަނުން މަނާކޮށްފިއެވެ.
ރައީސް އޮފީހުން ރޭ ހާމަކުރި ގޮތުގައި، 'އަދަދު' ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓަރީއަކާ ގުޅިގެން ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ. މީގެ އިތުރުން، އެ މައްސަލަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ތަހުގީގު ކުރަމުންދާކަން އެ އޮފީހަށް ވަނީ އަންގާފައެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، 'އަދަދު' ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ހިލާފުވެފައިވާ ކަމަށެވެ.
މި ސަބަބުތަކަށްޓަކައި، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަމަލުކުރާ އުސޫލުތަކުގެ ދަށުން ލިބިދޭ ބާރުގެ ބޭނުންކޮށް، 'އަދަދު' ނޫހަށް އެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާކަން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެ އޮފީހުން ވަނީ ބަޔާންކޮށްފައެވެ.
ރައީސް އޮފީހުން މިގޮތަށް ނިންމިއިރު "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، އެ މައުލޫއަށް ސުވާލުކުރުމުން އެ ނޫހުގެ ރިޕޯޓަރު މުހައްމަދު ޝަހުޒާން އިއްޔެ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ބޭރުވެސް ކޮށްފައެވެ. އެ ޕްރެސް ކޮންފަރެންސުން ޝަހުޒާން ބޭރުކުރީ ކްރިމިނަލް ކޯޓުގެ އަމުރަކާއި ހިލާފުވި ކަމަށް ބުނެއެވެ.
އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ޝަހުޒާން ވަނީ ރައީސް ޑރ. މުއިއްޒު ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ފޯނުން ގުޅުއްވާފައިވާކަން ހާމަވާ ކޯލް ލޮގުތަކެއް ހުރިކަމަށް ބުނެ، ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކޮށްފައެވެ. ނަމަވެސް އެ ސުވާލާ ގުޅިގެން، ޝަހުޒާން ކޯޓު އަމުރަކާ ހިލާފުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވުމުން، އެ އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ވަނީ އޭނާ އެ ބައްދަލުވުމުން ބޭރުކޮށްފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކޯޓުން އަމުރެއް ނެރެފައި އޮއްވައި އެއާ ހިލާފުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ރައީސް އޮފީހުގެ ތެރޭގައި ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށްދާނެ ކަމަށެވެ.
މީގެއިތުރުން، ޝަހުޒާން ކުރި ސުވާލަކީ އެމަނިކުފާނުގެ މައްޗަށް ކުރި ދޮގު ތުހުމަތުތަކެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ. އަދި ކޯޓު އަމުރާ ހިލާފު ވާހަކަތައް ދެއްކުމުގެ ފުރުސަތު އެ މާލަމުގައި ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އެކަން ކުރަންވާނީ ގާނޫނުއަސާސީ އާއި އިސްލާމްދީނުގެ އިންތަކުގެ ތެރޭގައި ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަކީ މީހުންގެ އަބުރަށް އަރައިގަތުމަށް ލިބޭ ހުއްދައެއް ނޫން ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއްވެސް މީހެއްގެ އަބުރު ކުުޅުމަކީ މުސްލިމަކަށް ވީތީވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
"އަދަދު" ނޫހުން ގެނެސްދީފައިވާ ޑޮކިއުމަންޓްރީއެއްގެ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ބަންދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައެވެ. މިފަދަ މައްސަލަތަކަކީ އާންމު އުސޫލުންވެސް ސިއްރުކޮށްގެން ކުރިއަށްގެންދާ ބާވަތުގެ މައްސަލަތަކެކެވެ.
ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑުވެގެންވާ ފާފައެކެވެ. އިންސާނާގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމުގެ މަގްސަދުގައި މިކަން ހަރުކަށި އިބާރާތުން ނަހީކޮށް، ބޮޑެތި އަދަބުތައް ވަނީ ކަނޑައެޅިފައެވެ. އަދި މީހެއްގެ މައްޗަށް ދައުވާ އުފުލުނު ކަމުގައިވިޔަސް، އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު އޮންނާނެ ކަމަށާއި، އެކަށީގެންވާ މިންވަރަށް ކުށް ސާބިތުނުވާހާ ހިނދަކު އެއީ ކުށްވެރިއެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް އަމުރުގައިވެއެވެ.
މީގެ އިތުރުން، ޝަރީއަތުގެ މަރުހަލާގައި ދައުވާލިބޭ ފަރާތާއި އަނިޔާލިބުނު ފަރާތުގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކުރަންޖެހޭނެ ކަމަށް ކޯޓުން ބުންޏެވެ. މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި މިނިވަންކަން ދެމެހެއްޓުމަކީ ކޯޓުތަކުގެ މައްޗަށް އޮތް ޒިންމާއެއްކަން ގާޒީ މުޒައްމިލް ނާސިރު ނެރުއްވި އަމުރުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް އޮފީހުގެ ޕްރެސްތަކަށް "އަދަދު"ގެ ނޫސްވެރިން ވަނުން މަނާކޮށްފި
ފިޔާޒާއި ހަސަންގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދަން ގޮވާލައިފި
ރައްޔިތުންގެ ބައްދަލުވުންތަކުގެ ދެވަނަ ބުރު އަންނަ ޖޫން މަހު
މުސާރައިގެ ކުރިއެރުން ނުލިބޭ މުވައްޒަފުންނަށް މިމަހު ލިބޭނެ: ރައީސް
ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބިރު ދެއްކުމަށް ނެރުނު އަމުރެއް