"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ ފެތުރުން ހުއްޓާލުމާއި، އޭގައިވާ ވާހަކަތައް އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގައި ހިމެނޭ ހަސްމުންނާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމުގެ އިތުރުން ޝަރީއަތުގެ ލިޔެކިޔުންތައް އާންމު ނުކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ބިރު ދެއްކުމުގެ ގޮތުން ނެރެފައިވާ އަމުރެއް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި އާޒިމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާ ގޮތެއްގެ މަތިން ހިޔާލު ފާޅުކުރުމާއި ވާހަކަ ދެއްކުމުގެ ހައްގަކީ ކޮންމެ ދިވެއްސަކަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށެވެ.

"މިހެން މިކަން އޮއްވައި ،ދިވެހިރާއްޖޭގެ ނޫސްމަޖަައްލާއަކުން ތައްޔާރުކުރި ޑޮކިއުމަންޓްރީއަކާއި ގުޅުވައި އެނޫހުގައި މަސަައްކަތްކުރާ މުވައްޒަފުންނަށް ޖިނާއީ ދައުވާ އުފުލުމުގެ އިތުރަށް, ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްގުގެ ދަށުން ޝާއިއު ކުރާ ލިޔުމެއް، މަޖައްލާއެއް، ފޮޓޯއެއް ނުވަތަ ވީޑިއޯއަކާއި ގުޅުވައި އެ ވާހަކައެއް ދެއްކި ކޮންމެ ރައްޔިތަކީ ކުށްވެރިވާނެ މީހެއްކަމުގައި ދިވެހި ރާއްޖޭގެ ކޯޓަކުން ކަނޑައަޅައި ނެރުނު އަމުރަކީ ބިރުދެއްކުމުގެ ބޭނުމުގައި ނެރުނު ސިޔާސީ އަމުރެއް، އެހެންކަމުން އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރަން،" އާޒިމް ވިދާޅުވިއެވެ.

ދިވެހިރާއްޖެ މިއަދު މިދެކޭ މިނިވަން ހިޔާލުގެ މައްޗަށް ފިކުރުކޮށް ބަސްބުނުމުގެ ހައްގަކީ އެތައް ބައެއްގެ މިންނެތް މަސައްކަތުން ހޯދި އެއްޗެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ހައްގު ނިގުޅައިގަނެ ހުދުމުހުތާރު ކަމަށް އެ ނިޒާމު ފުރޮޅިގެންދާއިރު މަޑަކުން ނުތިއްބަވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

‏⁦‪ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މި މައްސަލަ ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވާއިރު، ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ބަންދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައެވެ. މިފަދަ މައްސަލަތަކަކީ އާންމު އުސޫލުންވެސް ސިއްރުކޮށްގެން ކުރިއަށްގެންދާ ބާވަތުގެ މައްސަލަތަކެކެވެ.

ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑުވެގެންވާ ފާފައެކެވެ. އިންސާނާގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމުގެ މަގްސަދުގައި މިކަން ހަރުކަށި އިބާރާތުން ނަހީކޮށް، ބޮޑެތި އަދަބުތައް ވަނީ ކަނޑައެޅިފައެވެ. އަދި މީހެއްގެ މައްޗަށް ދައުވާ އުފުލުނު ކަމުގައިވިޔަސް، އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު އޮންނާނެ ކަމަށާއި، އެކަށީގެންވާ މިންވަރަށް ކުށް ސާބިތުނުވާހާ ހިނދަކު އެއީ ކުށްވެރިއެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް އަމުރުގައިވެއެވެ.

މީގެ އިތުރުން، ޝަރީއަތުގެ މަރުހަލާގައި ދައުވާލިބޭ ފަރާތާއި އަނިޔާލިބުނު ފަރާތުގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކުރަންޖެހޭނެ ކަމަށް ކޯޓުން ބުންޏެވެ. މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި މިނިވަންކަން ދެމެހެއްޓުމަކީ ކޯޓުތަކުގެ މައްޗަށް އޮތް ޒިންމާއެއްކަން ގާޒީ މުޒައްމިލް ނާސިރު ނެރުއްވި އަމުރުގައި ފާހަގަކުރައްވާފައިވެއެވެ.