މިދިޔަ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ، ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތައް ދެއްކުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނައިރު ސުކޫކުގެ ގޮތުގައި 524 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާއި އެކު ޖުމުލަ 974 މިލިއަން ޑޮލަރުގެ ދަރަނި މިހާތަނަށް ދައްކަވާފައިވާ ކަމަށެވެ.
މީގެ ތެރޭގައި، އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު ދައްކަންޖެހޭ މުއްދަތު 2026 މެއި 11 އަށް ހަމަވާތީ، މިއަދު ހެނދުނު އެ ފައިސާ ދައްކަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ ސަރުކާރުން ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށްޓަކައި ކުރައްވަމުންގެންދަވާ ކަމެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި ބޮޑެތި ދަރަނިތަކުން ރައްޔިޔުން ސަލާމަތް ކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ދައުލަތުގެ މަތީ މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅުން، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށާއި ގައުމުގެ އިގްތިސޯދަށް ނޭދެވޭ އަސަރުކުރާގޮތަށް، ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ގެއްލުމަށް އެހީތެރިކަން ދެވޭނެ ގޮތެއް ސަރުކާރުން ބަލަމުންދާ ކަމަށެވެ.
އެގޮތުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން އެކަމުގައި ދާއިރާގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ ބައްދަލުވުންތަކުގެ ދެވަނަ ބުރު އަންނަ ޖޫން މަހު
މުސާރައިގެ ކުރިއެރުން ނުލިބޭ މުވައްޒަފުންނަށް މިމަހު ލިބޭނެ: ރައީސް
ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބިރު ދެއްކުމަށް ނެރުނު އަމުރެއް
މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު ދައްކައިފިން: ރައީސް
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުން ޝަހުޒާން ނެރެފި
ފިޔާޒު އަދި ހަސަންގެ މައްޗަށް ދައުވާކޮށްފި