"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ އިތުރުން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލައިފިއެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މި މައްސަލަ ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވާއިރު، ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ބަންދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައެވެ. މިފަދަ މައްސަލަތަކަކީ އާންމު އުސޫލުންވެސް ސިއްރުކޮށްގެން ކުރިއަށްގެންދާ ބާވަތުގެ މައްސަލަތަކެކެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު ވަކި ކަންތައްތަކަކަށް އަމަލުކުރުމަށް އަމުރެއް ނެރެދިނުމަށް ދައުލަތުން އެދުމާ ގުޅިގެން، ގާޒީ މުޒައްމިލު ނާސިރު ވަނީ މިއަދު އެފަދަ އަމުރެއް ނެރުއްވާފައެވެ. އެ އަމުރުގައި އާންމު އެންމެހައި ފަރާތްތަކުން އަމަލުކުރަންޖެހޭ ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ ފެތުރުން ހުއްޓާލުމާއި، އޭގައިވާ ވާހަކަތައް އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގައި ހިމެނޭ ހަސްމުންނާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމުގެ އިތުރުން ޝަރީއަތުގެ ލިޔެކިޔުންތައް އާންމު ނުކުރުން ހިމެނެއެވެ. މި އެންގުންތަކާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ.
ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑުވެގެންވާ ފާފައެކެވެ. އިންސާނާގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމުގެ މަގްސަދުގައި މިކަން ހަރުކަށި އިބާރާތުން ނަހީކޮށް، ބޮޑެތި އަދަބުތައް ވަނީ ކަނޑައެޅިފައެވެ. އަދި މީހެއްގެ މައްޗަށް ދައުވާ އުފުލުނު ކަމުގައިވިޔަސް، އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު އޮންނާނެ ކަމަށާއި، އެކަށީގެންވާ މިންވަރަށް ކުށް ސާބިތުނުވާހާ ހިނދަކު އެއީ ކުށްވެރިއެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް އަމުރުގައިވެއެވެ.
މީގެ އިތުރުން، ޝަރީއަތުގެ މަރުހަލާގައި ދައުވާލިބޭ ފަރާތާއި އަނިޔާލިބުނު ފަރާތުގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކުރަންޖެހޭނެ ކަމަށް ކޯޓުން ބުންޏެވެ. މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި މިނިވަންކަން ދެމެހެއްޓުމަކީ ކޯޓުތަކުގެ މައްޗަށް އޮތް ޒިންމާއެއްކަން ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ