އެމްޑީޕީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބުގެ ޓައިމްލައިން ބާތިލު ކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުގެ ފަރާތުން ނޫން ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ތަރުޖަމާނު އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ އޭނާ އާންމު ކުރެއްވި ރަސްމީ ބަޔާނެއްގައެވެ. އެ ބަޔާނުގައި ވައްޑެ ވިދާޅުވީ އެމްޑީޕީގެ މައްޗަށް ދަޢުވާކޮށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި އެބާވަތުގެ ދޮގު ޚަބަރު ފެތުރުން އޭނާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
ވައްޑެ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ދޮގު ވާހަކަ ފެތުރުމަކީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް އޮންނަ އިތުބާރު ގެއްލި، އެތެރޭގެ މަޞްލަޙަތަށް ހިޔަނި އެޅޭނެ ކަމެކެވެ.
"މި ކެމްޕޭނުގެ ފަރާތުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުޞަތު ޕާޓީގެ ޢާންމު މެންބަރުންނަށް ލިބުން،" ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ކެމްޕޭނުގެ ފަރާތުން ހިންގާ ޙަރަކާތްތަކާއި، ނިންމާ ނިންމުންތައް އަދި އަޅާ ފިޔަވަޅުތައް ގަވާއިދުން ހާމަކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ތަރުޖަމާނު ވަނީ ދެއްވާފައެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ އަމިއްލަ އައިސިއްޔަތުން ގާނޫނީ ވަކީލު އަބްދުﷲ ޝާއިރުއެވެ. އެ މައްސަލާގައި ބުނަނީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް އަމިއްލަ އިންތިޒާމުތަކެއް ހަމަޖައްސައިގެން ޕާޓީން އިންތިހާބު ބާއްވަން އުޅޭ ކަމަށެވެ.
ޗެއަރޕާސަން އިންތިހާބު ބޭއްވުމުގެ ބާރު ދީފައި ވަނީ އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށެވެ. ނަމަވެސް އޭނާގެ އެއްވެސް އިރުޝާދެއް ނުވަތަ އެންގުމެއް ނެތި، އިންތިހާބާ ބެހޭ ކޮމިޓީން އަމިއްލަ ގޮތްތަކެއް ނިންމައި، އިންތިހާބު އިންތިޒާމުކުރަމުންދާ ކަމަށް މައްސަލާގައި ބުނެފައިވެއެވެ.
ޕާޓީގެ ލީޑަރޝިޕާއި އިންތިހާބާ ބެހޭ ކޮމިޓީން އެމްޑީޕީގެ އަސާސީ ގަވާއިދަށް ފުރިހަމައަށް އަމަލުކުރަމަށް އަމުރުކޮށްދިނުމަށް އެ މައްސަލާގައި އެދިފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ