އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން އާންމުކުރި ތާވަލު ބާތިލުކުރުމަށް އެދި މިއަދު ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފިއެވެ.
ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ، އެ ޓައިމްލައިން އެކުލަވާލާފައިވަނީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ބުނެއެވެ.
ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށްފަހު ޝާއިރު ނެރުއްވި ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި، މިހާރު ކަނޑައަޅާފައިވާ ތާވަލަކީ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާއާ ތައާރުޒުވާ ނިންމުމެކެވެ. މީގެ ސަބަބުން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކަށް ހުރަސްއެޅި، އެމަނިކުފާނަށް ލިބިދީފައިވާ ހައްގުތަކަށް އުނިކަން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަސާސީ ގަވައިދުގައިވާ ގޮތުން ޗެއާޕާސަން އިންތިހާބުގެ ކަންކަން ބަލަހައްޓަންޖެހެނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސެވެ.
އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް ވެސް ވަނީ އޭނާއަށް އެނގުމެއްނެތި އަދި އޭނާގެ އިރުޝާދާ ހިލާފަށް އިންތިހާބު އިއުލާންކޮށްފައިވާތީ އެކަން ބާތިލުކުރަން ޕާޓީގައި އެދިވަޑައިގެންފައެވެ.
ޝާއިރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިންތިހާބީ ކޮމިޓީގެ ނިންމުމަކީ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ އިންސާފުގެ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށާއި، މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވެސް އެ ބާރު އޮތީ އިސްތިއުނާފު މަޖިލީހުގެ ރައީސަށް ކަމަށެވެ.
މި މައްސަލައިގައި ކޯޓުގައި އެދިފައިވަނީ އިންތިހާބުގެ ހުރިހާ ކަމެއް ހިންގުމުގެ ޒިންމާ އިސްތިއުނާފު މަޖިލީހުގެ ރައީސާ ހަވާލުކުރުމަށާއި، މިދިޔަ މަހުގެ 22 ގައި ނެރުނު ޓައިމްލައިން ބާތިލުކޮށްދިނުމަށެވެ.
އެ ޓައިމްލައިންގައިވާ ގޮތުން ވޯޓުލުމުގެ ހައްގު ލިބެނީ އިއުލާން ނެރުނު ވަގުތާ ހަމައަށް މެންބަރުންގެ ގޮތުގައި ތިބި މީހުންނަށް ކަމަށްވާތީ، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް