އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް، އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ގިނަ މެންބަރުންތަކެއްގެ ތާއީދު އޮތްކަން މިއަދު ވަނީ ހާމަކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީ ތަމްސީލުކުރައްވާ މަޖިލިސް 10 މެންބަރަކު ވަނީ މީކާއީލަށް ފުރިހަމައަށް ތާއީދުކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވާފައެވެ.
މި މެންބަރުންގެ ތެރޭގައި ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްގެ އިތުރުން މައުރޫފް ޒާކިރު، އަހުމަދު ދީދީ، ހުސައިން ޒިޔާދު، އަމީން ފައިސަލް، އަހުމަދު ޝާކިރު، ޑރ. އަޙްމަދު ޝަމްހީދު، މުޙައްމަދު ނިއުޝާދު އަދި މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.
ޕީޖީ ލީޑަރު ނާޒިލް ވިދާޅުވީ، 19 ވަނަ މަޖިލީހާއި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައިވެސް މީކާއީލަކީ އޭނާއާ އެކު ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ޕާޓީގެ އެކި ހަރަކާތްތަކާއި މަޖިލީހުގެ ތަޅުމުގައިވެސް މީކާއީލަކީ އަބަދުވެސް އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބައިވެރިއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މަޖިލީހުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތްތަކުގައި މީކާއީލްގެ ދައުރު ބޮޑުކަން ނާޒިލް ފާހަގަކުރެއްވިއެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ޕާޓީ އިދިކޮޅުގައި އޮތް ދަތި ވަގުތުތަކުގައި މީކާއީލް ދެއްކެވި ސާބިތުކަމަށް ތައުރީފު ކުރައްވާފައެވެ. މައުރޫފް ވިދާޅުވި ގޮތުގައި ޕާޓީއަށް ކުރިމަތިވި ކޮންމެ ގޮންޖެހުމެއްގައިވެސް މީކާއީލް ހުންނެވީ ޕާޓީގެ ދިފާއުގައެވެ.
ހަމައެއާއެކު، ޑރ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި މީކާއީލް ވަނީ ކެމްޕޭންގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށަށް ޒިޔާރަތްކޮށް، އާންމު މެންބަރުންގެ ޝުއޫރުތައް އަޑުއައްސަވާފައެވެ.
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި މީކާއިލާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ