އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ހޯދުމަށް، މެމްބަރުން އިތުރުކުރުމުގެ ސުންގަނޑި ހަމަވިއިރު ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއާ ގުޅިއްޖެއެވެ.
ރޭ ދަންވަރު 12 ޖެހުމާ ހަމައަށް ހުޅުވާލި ފުރުސަތުގައި، އެންމެ ފަހު ހައެއްކަ ގަޑިއިރުގެ ތެރޭގައި އެކަނިވެސް 4،800 އަށްވުރެ ގިނަ މީހުން ވަނީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައެވެ.
އެމްޑީޕީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސުންގަނޑި ހަމަވިއިރު އަލަށް ގުޅުނު 4،868 މީހުންނާއެކު އެ ޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ޖުމްލަ އަދަދު މިހާރު ވަނީ 50,594 އަށް އަރާފައެވެ.
މި އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯދުމަށް ރޭ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އެމަނިކުފާނުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ފައްޔާޒު އިސްމާއިލް ވިދާޅުވީ މެމްބަރުންގެ އަދަދު 44،000 އިން 50،000 އަށް އުފުލިފައިވާ ކަމަށެވެ. އަދި މެމްބަޝިޕް އިތުރުކުރުމުގެ މަސައްކަތް މިއަށްވުރެ ބޮޑަށް ރޭވުންތެރިކަމާއެކު ކުރިނަމަ އެ އަދަދު 60،000 އަށް އެރީސް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އޮންނާނެއެވެ. މި މަގާމަށް ކުރީގެ ރައީސް ނަޝީދުގެ އިތުރުން، މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ކުރީގެ މެމްބަރު އަލްހާން ފަހުމީ ވާދަކުރައްވާނެކަން ވަނީ އިއުލާނުކުރައްވާފައެވެ.
ކެމްޕެއިންގެ ހަރަކާތްތައް މިހާރު ފެށިގެން ކުރިއަށްދާއިރު، ރައީސް ނަޝީދު "ބޮޑު ބަދަލު" ގެ ނަމުގައި ކެމްޕެއިން ފައްޓަވާފައިވާއިރު، މީކާއިލްގެ ކެމްޕެއިން ކުރިއަށްދަނީ "އިތުބާރު" ގެ ނަމުގައެވެ.
އިންތިހާބުގެ ވޯޓުލުން އޮންނާނީ ޖޫން 12 ގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ
ޔާމީނަކީ ވިސްނުންތެރި، ވިޝަނަރީ ބޭފުޅެއް: ސައީދު
ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތް
ޕާޓީތަކުން މެންބަރުން ވަކިކުރެވޭ ބިލު ހުށަހަޅަނީ
ތިލަމާލެ ބްރިޖުގެ ފެންވަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް