ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ގޮވާލައްވައިފިއެވެ.
އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އިންޑިއާއިން ދީފައިވާ 400 މިލިއަން ޑޮލަރު މި އޭޕްރީލް މަހު އަނބުރާ ދައްކަން ޖެހޭ ކަމަށެވެ. އެ ފައިސާ އަނބުރާ ދެއްކުން ދެ ފަހަރެއްގެ މަތިން އިންޑިއާ އިން ވެސް ލަސްކޮށްދީފައިވާ ކަމަށާއި އެހެންނަމަވެސް ތިންވަނަ ފަހަރަށް ލަސްކުރުމަކީ އިންޑިއާގެ މާލިއްޔަތު ގަވާއިދުތައް ތަންނުދޭ ކަމެއް ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދުގެ ޕޯސްޓުގައި 550 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑުގެ ފައިސާ ދިވެހި ސަރުކާރުން ދެއްކީވެސް މި މަހުކަން ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ޑޮލަރު ރިޒާވެއް މިހާރަކު ނެތެވެ. ރާއްޖެ ޑިފޯލްޓް ވެއްޖެނަމަ މުޅި މާލީ ނިޒާމަށާއި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އިން ހުށަހަޅާ "ބޮޑު ބަދަލު" ގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރަނީގެ ކަންކަމާ ގުޅޭ މަޝްވަރާ ހިންގުމެވެ.
އިންޑިއާ ސަރުކާރާއެކު ދައްކާ ވާހަކައަކީ ހުރިހާ ޕާޓީއެއް އެއްބަސްވެ ދެކެވޭ ވާހަކައަކަށް ވެއްޖެނަމަ، އެ ވާހަކަތައް ކާމިޔާބު ވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި އެހެންކަމުން ސަރުކާރު މަޝްވަރާގެ މޭޒުދޮށަށް އައުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
މިއީ މަޝްވަރާގެ މޭޒަށް އައުމަށް ނަޝީދު ސަރުކާރަށް ގޮވާލެއްވި ދެވަނަ ފަހަރެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ނަޝީދު ދައުވަތު ދެއްވި ކަމަކީ ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރި މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ