މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދެވުމަށާއި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެކަމާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ހެދުމަށް މައިގަނޑު ގޮތެއްގައި ބޭނުންވާ ބޮޑުހިލައިގެ ބަދަލުގައި، ކޮންސްޓްރަކްޝަން ޑެމޯލިޝަން ވޭސްޓް ނުވަތަ އެހެންވެސް މެޓީރިއަލެއް ބޭނުންކޮށްގެން އީޖާދީ އެހެން ހައްލެއް [ހަރަދު ކުޑަ، ރެސިލިއެންޓް، ރާއްޖޭގެ ތިމާވެށްޓާ ގުޅޭ] ހޯދުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ކަމާބެހޭ ވުޒާރާތައް ގުޅިގެން އެފަދަ ހައްލެއް ހޯދުމަށްޓަކައި ދިރާސާއެއް ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ރިސާޗް ގްރާންޓެއް ފަދަ ފައިސާގެ އެހީތެރިކަމެއް ހަމަޖައްސަވައިދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ގޮނޑުދޮށް ހިމާޔަތްކުރަން ބޭނުންކުރާ މިފަދަ ވަސީލަތްތައް ވިއްކާ ކުންފުނިތަކާ މަޝްވަރާކުރައްވައިގެން، މިހާރުން މިހާރަށް ބޮޑުހިލައިގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށް ކެބިނެޓުގައި ވަނީ މަޝްވަރާކޮށްފައެވެ.

އިއްޔެގެ ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓްރީން ވަނީ ގައުމުގެ ތެލާއި ހަކަތައިގެ ރައްކާތެރިކަން ވަރުގަދަކުރުމަށް އެކުލަވައިލައިފައިވާ އޮނިގަނޑާ ގުޅޭ ގޮތުން ހުށަހެޅި ކަރުދާހަށްވެސް މަޝްވަރާ ކޮށްފައެވެ.

އެގޮތުން އެ މަޝްވަރާގެ އަލީގައި، ދިވެހިރާއްޖޭގައި ތެލާއި ހަކަތައިގެ ރައްކާތެރިކަން ވަރުގަދަކުރުމަށް މިހާރު އޮތް ގާނޫނުގެ ތެރެއިން ހަދަންޖެހޭ ގަވާއިދުތަކާއި ސްޓޭންޑާޑްތައް ހަދައި، އެއަށް އިތުރަށް ބޭނުންވާ ޓެކްނިކަލް ޑީޓެއިލްތަކާ ގުޅޭގޮތުން "މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ކޮމިޓީ"ގައި މަޝްވަރާ ކުރުމަށްފަހު، އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން އެއާ ގުޅޭ ކަންކަން ނިންމެވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.