ސަރުކާރުން މަސައްކަތް ކުރަނީ ވޯޓަށް މަސައްކަތް ފަށާފައި ވޯޓު ނިމުނީމާ މަސައްކަތް ނިންމާލާ ގޮތަށް ނޫން ކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވަނީ އޭނާގެ ދާއިރާގެ ރަށްތަކާއި ގުޅުންހުރި ސުވާލުތަކެއް ކުރައްވައިފައެވެ. އަދި ފަހު ސުވާލެއްގެ ގޮތުން އޭނާގެ ދާއިރާގެ އެއްވެސް ރަށަކުން ސަރުކާރަށް ނިމިދިޔަ ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ނުލިބޭ ކަމަށާއި އެހެންކަމަށްވާ ނަމަ މަސައްކަތްތައް މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށް ދާނެތޯ ސުވާލުކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ވޯޓު ނިމުމުން މަސައްކަތް ހުއްޓާލާ ގޮތަށް ނޫން ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި އެކަމުގެ މިސާލެއް ވެސް ދެއްކެވިއެވެ.

"ވަރަށް ކުޑަކުޑަ މިސާލެއް. ތ. ގާދިއްފުށީގައި ބިން ހިއްކަން ފެށީމާ އަދި އެ ދުވަހުގައި އިންތިހާބު ނިމުމާއި އެއްކޮށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަން ފެށި މަސައްކަތް ހުއްޓާލާފައި ފައިބަނީއޭ. އެކަމަކު ތިބޭފުޅުން ބައްލަވާލައްވާ ހަމަ އަޅުގަނޑުމެންނަކަށް [ސަރުކާރަކަށް] މެޖޯރިޓީއެއް ނުލިބޭ އެރަށުގައެއް. އެންމެ ގޮނޑިއެއްވެސް [ކައުންސިލްގެ] ނުލިބޭ. އެކަމަކު ބިން ހިއްކުން ބާރަށް ކުރިޔަށް އެބަ ދޭ،" މުއްތަލިބް ވިދާޅުވިއެވެ.

ސަރުކާރުން ކަންކަން ކޮށްދޭނީ ރައްޔިތުން ސަރުކާރަށް ދޭ ވޯޓަކަށް ނޫން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. ކަމެއް ކޮށްދޭނެ ކަމަށް ސަރުކާރުން ބުނެފި ނަމަ އެކަމެއް ކޮށްދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.