ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.

ޕީއެންސީގެ މަޖިލިސް މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ޣާލިބް ސަލީމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ކޯޓުން މިއަދު ވަނީ ހުކުމް އިއްވާފައެވެ.

އެ މައްސަލައަކީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، އޮކްޓޫބަރު 2024 ގައި ކުރި ހުކުމާ އެއްގޮތަށް ސިނާން ނުދައްކަވާ އޮތުމުން ހުށަހެޅި މައްސަލައެކެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ބެންޗުން ކުރި ހުކުމުގައި ފާހަގަކުރެއްވި މުހިންމު ކަންކަމަކީ:

• ފައިސާ ނުދެއްކުން: ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމުމަށް ދަށު ކޯޓުން ކުރި ހުކުމާ އެއްގޮތަށް ސިނާން އަމަލުކޮށްފައި ނުވާކަން ސާބިތުވެއެވެ.

• ހުކުމް އެނގުން: ހުކުމް ކުރިކަން ނޭނގޭ ކަމަށް ސިނާން ވިދާޅުވި ނަމަވެސް، އެކަން ދުރާލާ އަންގާފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތުމުން އެ ދިފާއަށް ބުރަދަނެއް ނެތެވެ.

• ވަކީލުގެ މައްސަލަ: މި މައްސަލައިގައި ސިނާން ވަކީލަކު އައްޔަންކުރެއްވި ނަމަވެސް، ދިފާއު ހުށަހެޅުމުގެ މުއްދަތު ހަމަވި ފަހުން ވަކީލު ވަނީ މައްސަލައިން ވަކިވެފައެވެ.

ސިނާންގެ ފަރާތުން ހުކުމް ކުރިކަން ނޭނގޭ ކަމަށް ބުނި ނަމަވެސް، ލިޔެކިޔުންތަކުން އެކަން އެނގެން އޮތުމުން އެ ދިފާއުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އަދި ފައިސާ ދައްކަން ދިން ހަ މަސް ދުވަހުގެ ތެރެއިން ތިންވަނަ މަހު އެ ފައިސާ އެއްކޮށް ދައްކާފައިވާތީ ހުކުމާ އެއްގޮތަށް އަމަލުކުރި ކަމަށް ސިނާން ބުނި ނަމަވެސް، ކޯޓުން ކަނޑައެޅީ ހުކުމުގައި އޮތީ ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު ދައްކަމުން ދިއުމަށް ކަމަށްވާތީ، އެގޮތަށް އަމަލުނުކުރުމަކީ ހުކުމާ ޚިލާފުވުން ކަމަށެވެ.

މީގެ އިތުރުން، އެއީ ޣައިރު ހާޒިރުގައި ކުރި ހުކުމަކަށް ވާތީ ނިހާއީ ހުކުމެއް ނޫން ކަމަށް ބުނާ ބުނުމަށް ވެސް ކޯޓުން ތާއީދެއް ނުކުރިއެވެ.

ފަނޑިޔާރު ޝުޖޫން އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަން އެނގެނީ ފުރަތަމަ ދެ މަސް ދުވަހު ދައްކަންޖެހޭ ފައިސާ ނުދެއްކުމުން، އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އިސްލާމިކް ބޭންކުން ދަށު ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގެންފައިވާތީއެވެ.

މީގެއިން ދޭހަވަނީ، ފައިސާ ދައްކަންޖެހޭނީ ކޮންމެ މަހަކު ވަކި މިންވަރެއް ދައްކާ އުސޫލުން ކަމަށް ދަށު ކޯޓުން ވެސް ގަބޫލުކުރާކަން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން، ތިންވަނަ މަހު އެ ފައިސާ އެއްކޮށް ދެއްކި ނަމަވެސް، އޭގެ ކުރިން އޮތް ދެ މަހު ފައިސާ ނުދައްކާ އޮތުމަކީ ހުކުމާ އެއްގޮތަށް އަމަލުނުކުރުން ކަމަށް ފަނޑިޔާރު ކަނޑައެޅުއްވިއެވެ.

ލޯނަކީ ރަހުނު ހިމެނޭ އެއްޗަކަށް ވާތީ، ރަހުނު ވިއްކާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އޮތުމުން ގޮނޑި ނުގެއްލޭނެ ކަމަށް ސިނާންގެ ފަރާތުން ބުނި ނަމަވެސް، ފަނޑިޔާރު ޝުޖޫން ކަނޑައެޅުއްވީ ގޮނޑި ގެއްލުމުގެ މައްސަލަތަކުގައި އެއީ ރަހުނު ހިމެނޭ ލޯނެއްތޯ ބަލަން ނުޖެހޭނެ ކަމަށެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި، ކޯޓުގެ ހުކުމެއްގެ ދަށުން ދައްކަންޖެހޭ ކޮންމެ ފައިސާއެއް ނުދެއްކުމަކީ ވެސް ހުކުމާ އެއްގޮތަށް އަމަލުނުކުރުން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުން އެނގެން އޮވެއެވެ.

މި ކަންކަމަށް ރިއާޔަތްކޮށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ، ކޯޓު ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަން ސާބިތުވާތީ މެންބަރު ސިނާންގެ މަޖިލިސް ގޮނޑި ގެއްލިފައިވާ ކަމަށެވެ.