އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެ މަގާމުން ވަކި ކުރުމަށް ބާއްވާ ޖަލްސާއެއް އަންނަ ހަފްތާގެ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުއްވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ ގައުމީ މަޖިލީހުގެ 55 މެންބަރުން ސޮއި ކުރައްވާ ހުށަހަޅުއްވާފައިވާ، ވަގުތީ ޗެއަރޕަރސަން ވަކިކުރުމުގެ މައްސަލަ އަށް ގޮތެއް ނިންމުމަށް އަންނަ ހަފްތާގެ ހޯމަ ދުވަހު ގައުމީ މަޖިލީހުގެ ޖަލްސާ އެއް އޮންނާނެ ކަމަށެވެ.

އެ މެސެޖުގައި ގަޑި އާއި ތަން ފަހުން އަންގާނެ ކަމަށް ބުނެފައިވެއެވެ.

ޣަފޫރު އެ މަގާމުން ވަކިކުރެއްވުމަށް ހުށަހެޅުއްވީ ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮއިއާއެކުގައެވެ. ޣަފޫރު އެ މަގާމުން ވަކި ކުރެއްވުމަށް ހުށަހަޅާފައިވާ ސިޓީގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މެންބަރުން މަސައްކަތް ކޮށްފައި ވަނީ ޕާޓީން ވެދެވޭ އެހީތެރިކަމަކަށް ނުބަލާ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށެވެ.

އެމްޑީޕީއަށް ކައުންސިލް އިންތިހާބުގައި ބޮޑު ކާމިޔާބެއް ލިބުނުކަން ފާހަގަކޮށް އެ ސިޓީގައި ބުނެފައި ވަނީ ވަގުތީ ޗެއާޕާސަންގެ މަގާމަށް ޣަފޫރު ހަމަޖެއްސީ ހުދުމުހުތާރު ނިޒާމަކަށް މުޅި ދައުލަތް ފުރޮޅާލުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމަށެވެ.

ނަމަވެސް ފެންނަމުން ދަނީ އެހެން ފަރާތަކުން އަންގާ ގޮތަކަށް ޣަފޫރު ނިންމެވުންތައް ނިންމަވާ މަންޒަރުތައް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ. އަދި ވަކީން ހާއްސަކޮށް އެޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޣަފޫރު އަމަލުކުރާ ކަމުގެ ތުހުމަތު އެ ސިޓީގައި ކޮށްފައިވެއެވެ. އެގޮތުން ޕާޓީގެ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަހީދު މަގާމުން ވަކިކުރެއްވުން ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުން ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލްއުސްތާޒު އަހްމަދު މައުރޫފު މަގާމުން ވަކިކުރައްވާފައިވާއިރު އޭނާ ވަކިކުރެއްވި ސަބަބެއް ވެސް ހާމަކޮށްފައި ނުވާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ ކަންކަމުގެ ސަބަބުން އާއްމު މެންބަރުންގެ މެދުގައި ޕާޓީއަށް އޮތް އިތުބާރު ގެއްލެމުން އަންނަ ކަމަށް ވެސް ސިޓީގައިވެއެވެ. އަދި ޕާޓީގެ އާއްމު މެންބަރުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ޣަފޫރު ނުކުޅެދިފައިވާ ކަމަށްވެސް ސިޓީގައިވެއެވެ.

އެހެންކަމުން ޕާޓީގެ ކުރިމަގަށާއި ޕާޓީގެ މަސްލަހަތަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ ވަގުތީ ޗެއާޕާސަންގެ މަގާމުން ޣަފޫރު އެއްފަރާތްވުން ކަމަށްވެސް ސިޓީގައިވެއެވެ.

އެ ސިޓީގައިވާ ކަންކަން އެޖެންޑާކޮށް ވީ އެންމެ އަވަހަކަށް އެ ސިޓީގައިވާ ހުށަހެޅުމަށް ވޯޓަށް އެހުމަށް ވެސް ވަނީ އެދިފައެވެ.

އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް އައިސްފައި ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދައްކަވަމުން ފުރުސަތު ނުދެއްވަން ނިންމި ހިސާބުންނެވެ.

އެއާއެކު ނަޝީދު ވަނީ ޖަލްސާ ވެސް ބޮއިކޮޓް ކުރައްވާފައެވެ. ނަމަވެސް ނަޝީދަށް ހާއްސަކޮށްފައިވާ ގޮނޑިއެއް އެ ޖަލްސާގައި ހުއްޓެވެ. އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވެސް ހާއްސަކޮށްފައިވާ ގޮނޑިއެއް ހުރި ނަމަވެސް ފައްޔާޒުވެސް އެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.