ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކަށް ދައްކަންޖެހޭ ފައިސާ، އަންނަ ބުދަދުވަހަށް މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން މިއަދު ދައްކާ ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ސްކޫކްގެ އަސްލު ފައިސާގެ ގޮތުގައި ހިމެނޭ 500 މިލިއަން ޑޮލަރާއި ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު، ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން މިއަދު ވަނީ ދައްކާފައެވެ.
ފިނޭންސުން ބުނީ އެކަމުގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށެވެ.
ކުރީ ސަރުކާރުން ސްކޫކް ވިއްކާފައިވަނީ އަނބުރާ ދެއްކޭނެ ސާފު ސިޔާސަތެއް ނެތިކަން ފާހަގަކޮށް، ފިނޭންސުން ބުނީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ މާލީ ނިޒާމު ހަރުދަނާކުރަން ކުރި މަސައްކަތުން، ދައުލަތަށް ބުރަބޮޑު ނުވާނެހެން މިއަދު މި ފައިސާ ދައްކާ ނިންމާލެވިފައިވާ ކަމަށެވެ.
މި ދަރަނި ދެއްކުމަށް ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމާއި އެސްޑީއެފްއަށް ޖަމާކުރާ އެއާޕޯޓް ތަރައްގީ ކުރުމަށް ނެގޭ ފީ ވަނީ 2024 ވަނަ އަހަރު ބޮޑުކުރުން ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ސޮވެރިން ފަންޑު (އެސްޑީއެފް) ގައި ހުރި ބޭރު ފައިސާގެ މިންވަރު ވަނީ 350 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުން މަޖުބޫރުކޮށް ގެނައި އާ ސިޔާސަތާއެކު، ނިމިދިޔަ މާޗް މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވް ވަނީ ރެކޯޑް މިންވަރަކަށް، އެބަހީ 1.3 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައެވެ.
ސްކޫކް އަނބުރާ ދެއްކުމަށްފަހު، ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ މުދަލާއި ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަކީ ސަރުކާރުން މިވަގުތު އެންމެ އިސްކަންދޭ ކަންތައް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު ކުރެވުނު މަޝްވަރާތަކުން ބޭނުންވާ މާލީ އެހީތެރިކަން މިހާރު ލިބިފައިވާކަން އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ
ޔާމީނަކީ ވިސްނުންތެރި، ވިޝަނަރީ ބޭފުޅެއް: ސައީދު
ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތް
ޕާޓީތަކުން މެންބަރުން ވަކިކުރެވޭ ބިލު ހުށަހަޅަނީ
ތިލަމާލެ ބްރިޖުގެ ފެންވަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް