ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހުޅުވާލި "ބިންވެރިޔާ" ސްކީމުން އެކަކަށްވުރެ ގިނަ މީހުންނަށް އެކުވެގެން ލިބުނު ގޯތި ދޫކޮށްލުމުން ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ "ބިންވެރިޔާ""ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލު"ގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު، ހެނދުނު 11:00 އިން ފެށިގެން 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން، 1250 އަކަފޫޓުގެ ގޯއްޗެވެ. އެ އުސޫލުގައި ހިމެނޭ މައި ކެޓަގަރީތަކަކީ، ކެޓަގަރީ-1، ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކާއި، ކެޓަގަރީ–2، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް ކަމަށެވެ.

ދާދިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީ ސަރުކާރުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މާލީ ހާލަތު ހުރި ގޮތުން އެ ގޯތި ހެދެން ނެތް ފަރާތްތަކުން ގޯތި ދޫކޮށްލައިފި ނަމަ ފްލެޓަށް އެދުމުގެ ފުރުސަތު ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.