ގިރާވަރުފަޅުގެ ނުހިއްކާ އޮތް ސަރަހައްދުގެ ބިން ކުރިޔަށް އޮތް ތިން ހަފްތާއެއްހާ ދުވަސް ތެރޭގައި ހިއްކާ ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުއްތަލިބް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އެތަނަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގިރާވަރުފަޅުގެ ނުހިއްކި އޮތް ސަރަހައްދުގެ ބިން ކުރިޔަށް އޮތް ތިން ހަފްތާގެ ތެރޭގައި ހިއްކާ ނިންމުން ކަމަށެވެ. އެތަނުގެ ލޭންޑް ޔޫސް ޕްލޭނަކީ މިހާރު ބޭނުން ކުރެވޭ ގޮތަށް އޮތް އެއްޗަކަށް ނުވި ނަމަވެސް ކުރީގެ ސަރުކާރުން ގޯތި ލިބޭނެ ކަމުގެ އެގްރިމަންޓް ހެދި މީހުންނަށް ވެސް ގޯތި ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ގިރާވަރުފަޅަށް ކުރެއްވި ޒިޔާރަތުގައި ހައުސިން މިނިސްޓަރު މުއްތަލިބް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ:ފޮޓޯ | ރައީސް އޮފީސް

"އުއްމީދަކީ ވީހާ ވެސް އަވަހަކަށް، ތިން ހަފުތާ ތެރޭ ބިން ހިއްކާ ނިމުމުން ސާވޭކޮށް، ވީހާ ވެސް އަވަހަކަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުން،" މިނިސްޓަރު ވިދާޅުވިއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ކުރެއްވި އެ ޒިޔާރަތުގައި، މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުނެވެ. އަދި އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތަކާއި، ވެލި އެޅުމުގެ މަސައްކަތްތައް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

އެމްއޭސީއެލް އާ ހަވާލުކޮށްގެން މިހާރު ކުރިއަށްގެންދަވާ މި މަޝްރޫއުގެ 2ވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާ ނިންމާފައެވެ.

ގިރާވަރުފަޅު ހިއްކުމަށް މިހާރު ބޭނުންކުރަމުން އަންނަ ޑްރެޖަރު: ފޮޓޯ | ރައީސް އޮފީސް

އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓަޑް (އެމްއެފްއެމްސީ)ގެ ދަށުން، ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށް، އެކު ޖުމުލަ 167.15 ހެކްޓަރުގެ ބިން، ގިރާވަރު ފަޅުން ހިއްކުމަށް ހަމަޖެހިފައި ވާއިރު، މިހާތަނަށް 105 ހެކްޓަރު ވަނީ ހިއްކާނިމިފައެވެ.