ރައްޔިތުންގެ މަޖިލިސް އަދި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް މަޖިލީހުން ނިންމާފައިވާ ނިންމުން ތަސްދީގު ކުރުމުގެ ކުރިން ނަގާ ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފިއެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވިތާ 15 ދުވަސް ވީއިރުވެސް، އެ ބިލާ މެދު ގޮތެއް ނިންމަވާފައި ނުވާތީ އެއީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އަލީ ހުސައިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވިއެވެ.

ގާނޫނުއަސާސީގެ 264 ވަނަ މާއްދާއާ ރައީސް ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވާފައެވެ.

ރަޖިސްޓްރާގެ ނިންމެވުމުގައި ބުނެފައިވަނީ، ގާނޫނުއަސާސީގައި ބުނާ އިޖުރާއަތްތަކަށް އަމަލުކުރަން ޖެހޭނީ ރައީސް ބިލެއް ތަސްދީގު ނުކުރަން ނިންމަވާ ހާލަތުގައި ކަމަށާއި، ނަމަވެސް މި ބިލު ތަސްދީގު ނުކުރަން ރައީސް ނިންމެވިކަން އެނގެން ނެތް ކަމަށެވެ.

އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތް ނަމަވެސް، އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އައިކް އަހުމަދު އީސާ އާއި އިބްރާހީމް ޝިޔާމް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ.

އެ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. އެ މައްސަލާގައި ބުނެފައިވަނީ، ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށާއި، އެ ސުވާލާއެކު ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.