ރައްޔިތުންގެ މަޖިލިސް އަދި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް މަޖިލީހުން ނިންމާފައިވާ ނިންމުން ތަސްދީގު ކުރުމުގެ ކުރިން ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި އެހުމަށް ކަނޑައަޅާފައިވާ ސުވާލު ސައްހަ ނޫން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެއެވެ.

ހުސްނުއް ސުއޫދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާ ބުނާ ގޮތުން ގާނޫނުއަސާސީގައިވާ ބައެއް ހާއްސަ ކަންކަން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ވާނީ އެ ބަދަލެއް ގެންނަން ރައްޔިތުން ރުހޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ ބަދަލު ގެނައުމަށް ރައްޔިތުންގެ ވޯޓުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އެގޮތުން ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ބުނެފައިވާ ރައްޔިތުންގެ މަޖިލީހެއްގެ އުމުރަށް އެއްވެސް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ވާނީ އެ ބަދަލެއް ގެންނަން ރައްޔިތުން ރުހޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައި އެގޮތަށް ރައްޔިތުންގެ ވޯޓުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ކަމަށްވެސް ބުނެފައިވާ ކަމަށް ސުއޫދުގެ ޕޯސްޓުގައިވެއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު:

"ރިޔާސީ އިންތިހ-ބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

"މިއީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންނާ ކުރަންޖެހޭ ސުވާލެއް ނޫނެވެ. އޭގެ ބަދަލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންނާ ކުރަންޖެހޭނެ ސުވާލަކީ ""ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު"ގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ އުމުރު 5 އަހަރަށްވުރެ ކުރުކުރުމަށް ހިމަނާފައި ވާތީވެ، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުކުރުކުރަން ފެނޭ ހެއްޔެވެ؟" މިގޮތަށެވެ،" ސުއޫދުގެ ޕޯސްޓުގައިވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ބިލު އޮތް ގޮތަށް ތަސްދީގުކުރުމާއި މެދު ފެންނަ ގޮތަކީ ކޮބައިތޯ ބެލުމާއި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މުއްދަތު ބަދަލުކުރަން ރައްޔިތުން ރުހޭތޯ ބެލުމާ އެއީ މުޅިން ވަކި ދެ ކަމެކެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކުރެވިފައިވާ ސުވާލެއް ނޫން ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

"ސަބަބަކީ އެ ބިލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުން ކުރެން އަހަން ނުޖެހޭ އެތައް ކަމެއް ހިމެނިފައިވާއިރު، ރައްޔިތުން ކުރެން އަހަން ނުޖެހޭ ކަންތައްތަކެއް ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރެފަރެންޑަމެއްގައި ނުއެހެނޭނެތީވެއެވެ. އަދި ރައްޔިތުންކުރެން އަހަނީ ކޮން ސުވާލެއްކަން ނޭނެގޭ ގޮތަށް އެ ސުވާލު ލިޔެފައިވާތީވެއެވެ. އެހެންކަމުން ގާނޫނުއަސާސީ ލާޒިމުކުރާ ގޮތަށް ނޫންގޮތަކަށް ސުވާލުކޮށްގެން ނެގޭ ވޯޓެއްގެ ސައްހަކަމެއް އޮވެދާނެ ކަމަށް ނުފެނެއެވެ،" ސުއޫދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަސްދީގުކުރަން ފެނޭތޯ ރައްޔިތުން ކުރެން އަހަން ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރެފައިވާއިރު، އެ ބިލުގެ ހަތަރު ވަނަ މާއްދާގައި ގާނޫނަކަށް ހަވާލާދީފައި އިބާރާތްކޮށްފައިވާ ބަޔަކީ ގާނޫނުއަސާސީގެ ބަޔަކަށް ހެދޭގޮތަށް ލިޔެފައިވާ މާއްދާއެއްވެސް ނޫން ކަމަށް ސުއޫދު ވިދާޅުވިއެވެ.

"މި ބިލުގެ އެއްބައި އޮންނާނީ ގާނޫނުއަސާސީގެ ބަޔަކަށްވެފައި، އަނެއްބައި ގާނޫނެއްގެ ގޮތުގައި ހެއްޔެވެ؟ މި ބިލުގެ 4 ވަނަ މާއްދާ ގާނޫނުއަސާސީގެ ބަޔަކަށް ނުވާނަމަ، ހިނގަމުންދާ ރައްޔިތުންގެ މަޖިލިސްގެ މުއްދަތު ހަމަވަނީ ކޮން އަހަރެއްގެ ޑިސެމްބަރު މަހެއްގެ 1 ވަނަ ދުވަހެއްގައި ކަން ގާނޫނުއަސާސީގައި ބަޔާންވެފައި ނުއޮންނާނެއެވެ،" ސުއޫދު ވިދާޅުވިއެވެ.

އެކަމުގެ ނަތީޖާއަކަށް ވާނީ މިހާރު ގާނޫނުއަސާސީގައި އޮތް ރައްޔިތުންގެ މަޖިލިސް 2029 ވަނަ އަހަރުގެ މޭ މަހުގެ ނިޔަކަށް ދެމިގެން ދިއުން ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.