ހުޅުމާލޭގެ މަގުތަކުގައި ދަމާފައިވާ އެމްޑީޕީގެ މާލޭ މޭޔަރު ކެންޑިޑޭޓު އަދި މިހާރުވެސް މާލޭ ސިޓީ ކައުންސިލް މޭޔަރު އާދަމް އާޒިމްގެ ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތަކަށް ގެއްލުންދީ އެތަކެތި ބަޔަކު ނައްޓާލައިފިއެވެ.
އެކަމާއި ގުޅިގެން އާޒިމްގެ ކެމްޕެއިން ޓީމުން ބުނީ އާޒިމްގެ ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތައް ނައްޓާލިއިރު ހަމަ އެ ދިމާލުގައި ހުރި ޕީއެންސީ އާއި ޕީއެންއެފްގެ ކެންޑިޑޭޓުންގެ ބެނާތަކާއި ޕޯސްޓަރުތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން އާޒިމް ވަނީ އެއީ ތަހުޒީބީ ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާއި ގުޅިގެން އޭނާ ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ކެމްޕެއިން ކުރުމުގައި ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތު އޮންނަންޖެހޭނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި މިކަމާއި ގުޅޭ ވީޑިއޯއެއް އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ ނަގާފައި ވަނީ "ދައުރު" ނޫހުގެ ނޫސްވެރިޔާ މުޒައްޔިން ނާޒިމެވެ. އެ ބެނާތަކާއި ޕޯސްޓަރުތައް ނައްޓާލަމުންދިޔަ މީހުންނާއި އޭނާ ވަނީ ސުވާލު ކޮށްފައެވެ. އެގޮތުން އެކަން ކުރަމުން ދިޔައީ ކޮން ބައެއްތޯ އެހުމުން އެއީ އެޗްޑީސީގެ މުވައްޒަފުން ކަމަށް އެމީހުން ބުނަމުން ދެއެވެ.
"އަޅުގަނޑުމެން އެންމެންނަށް ހަމަހަމަކޮށް ކެމްޕެއިންކޮށް، ވާދަވެރި ވިޔަސް އަދާވާތްތެރި ނުވެ މަސައްކަތް ކުރެވެން ވާނެ. މިއީ ނިކަން ދެރަ ކަމެއް. އަޅުގަނޑުގެ ފޮޓޯ ހުރި އެއްޗެއް ވީދާނުލައި، އަޅުގަނޑަށް ނޫނީ ޕާޓީއަށް ގުޅުއްވާފައި ނަގަން އެންގިދާނެ. މިއީތޯ ތަހުޒީބީ ގޮތަކީ،" އާދަމް އާޒިމް ސުވާލު އުފެއްދެވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އޭނާ ކުރާ މަސައްކަތަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށާއި، ވާދަވެރިކަމުގެ ތެރެއިންވެސް ބަލަންވީ ކަންކަން ރަނގަޅުކޮށް، އަމާނާތްތެރި ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
މިކަމާއި ގުޅިގެން ކަމާގުޅުންހުރި އެއްވެސް އިދާރާއަކުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. މޭޔަރު ކެންޑިޑޭޓު އާޒިމްގެ ބެނާތަކާއި ޕޯސްޓަރުތައް ނައްޓާލިއިރު ހުޅުމާޅެ މެދު ދާއިރާ އަށް ކުރިމަތިލާފައިވާ ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަކަށް ރޭ ބަޔަކު ވަނީ ކަޅުތެޔޮ ޖަހައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ