އެއް ދުވަހެއްގައި ރިޔާސީ އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން އުޅެނީ، ސަރުކާރު ހިންގާ ޕާޓީއަށް ހަރަދު ކުޑަ ކުރުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް އަދި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް މަޖިލީހުން ނިންމާފައިވާ ނިންމުން ތަސްދީގު ކުރުމުގެ ކުރިން ނަގާ ހިޔާލު ހޯދުމުގެ ވޯޓު ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބާއެކު ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ވަނީ ނިންމަވައިފައެވެ.

އެކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ސިޔާސީ ބައެއް ފަރާތްތަކުން އިސްވެ ވަނީ ހާއްސަ ހަރަކާތެއް ފަށައިފައެވެ. އަދި އެކަމާއި ގުޅިގެން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރަން ކަމަށް ބުނެ، ކުރަން އެ އުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީއަށް، ހަރަދު ކުޑަ ކުރުން ކަމަށެވެ.

"ސަރުކާރަކަށް ވެސް ނޫން، [ހަރަދު ކުޑަކުރަން އުޅެނީ] ސަރުކާރު ހިންގާ ޕާޓީ އަށާއި ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ކެމްޕެއިންކުރަން ހަރަދު ކުޑަކުރަނީ. އެ ކުރަން އެ އުޅޭ ކަމަކީ އެއްފަހަރާ އެއް ބުރުން، އެއްފަހަރާ ދެ ބާރު އެއް ކެމްޕެއިނަކަށް ހަރަދުކޮށްގެން ނަގަން ފަސޭހަކުރަނީ،" އީވާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަސަން ލަތީފް ވިދާޅުވީ ހަރަދު ކުޑަ ކުރުމަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަދަލުގައި ހަރަދު ކުޑަ ކުރެވޭނެ އެހެން ބައިވަރު ގޮތްތައް އެބަހުރި ކަމަށެވެ.

"ސަރުކާރުގައި އެބަތިއްބެވި 400 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުން، ހަމައެކަނި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި. އޭގެ ތެރެއިން 30 މީހުންގެ މަގާމު އުނިކޮށްލިޔަސް އީސީން އެ ބުނާ 60 މިލިއަން ރުފިޔާ އެބަ ސަލައިމަތް ކުރެވޭ،" ހަސަން ވިދާޅުވިއެވެ.

އެ ބިލުގައި ހިމެނޭ އިސްލާހުތަކަކީ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން، ގާނޫނުއަސާސީއަށް އެ އިސްލާހުތައް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައިވާ އިސްލާހުތަކެކެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެ ބިލުގައި ހިމެނޭ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ހާލަތުގައި، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރާންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ.