އެމްޑީޕީގެ ހަރަކާތްތެރިންގެ މައްޗަށް ދައުވާކުރަން ނިންމާފައި ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ބުނެ، އެޕާޓީން އެކަން ކުށްވެރިކޮށްފިއެވެ.

އެކަމާއި ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި މިއަދު އެމްޑީޕީން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން، ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ކަށަވަރުކޮށްދޭ ކަމަށެވެ.

އެ މިނިވަންކަމުގެ ބޭނުންހިފައި، ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި، ދިފާއުކުރުމުގެ ނިޔަތުގައި، މިނިވަންކަމާއެކު ހިޔާލު ފާޅުކޮށް، ސުލްހަވެރިކަމާއެކު އެއްވުމުގެ ގޮތުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިސްނަގައިގެން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލޭގައި ބާއްވައިފައި ވާނީ ސުލްހަވެރި ސިޔާސީ އެއްވުމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

އެ އެއްވުމަށް ސަރުކާރުން ހުރަސްއެޅުމަށް ޓަކައި، ފުލުހުން މެދުވެރިކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާކަމާއި، އަދި އެތަނުގެ ސުލްހަވެރިކަން ގެއްލުވައިލުމަށް ޓަކައި މަސައްކަތްކޮށް، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމާއި، އަނިޔާވެރިކަމާއެކު އެތައް ބަޔަކު ހައްޔަރުކުރިތަން ދިވެހި ރައްޔިތުންނަށް ފެނިފައިވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

"އޭގެ 5 މަސް ފަހުން، އެ މުޒާހަރާއާ ގުޅުވައިގެން މި ޕާޓީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ގައުމީ މަޖިލީހުގެ މެންބަރަކާއި އަދި ޕާޓީގެ ހިދުމަތްތެރި އާއްމު މެންބަރަކު ހިމެނޭހެން ހަރަކާތްތެރިންގެ މައްޗަށް ދައުވާކުރަން މިހާރު ވަނީ ފޮނުވައިފައެވެ. މިއީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީން ކުރަމުންދާ ކެމްޕޭނަށް ހުރަސްއެޅުމަށާއި، އަދި ދިވެހިރާއްޖޭގެ އިންތިހާބީ ނިޒާމު ގަޑުބަޑުކުރުމަށް ނަގަން އުޅޭ އާއްމު ވޯޓާ ދެކޮޅަށް މި ފެށޭ މާރިޗު މަހުގެ 21 ވަނަ ދުވަހު މި ޕާޓީން ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވާ މީހުން މަދުކުރުމަށް ހިންގާ ބިރުދެއްކުމުގެ އަމަލެކެވެ،" ބަޔާނުގައި ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ އެ ދައުވާތައް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންގައިގެން ކަމަށާއި އެއީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. އަދި އެކަން ކުށްވެރި ކުރާ ކަމަށެވެ. އެ ފަދަ ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން އެ ޕާޓީގެ މެންބަރުން ފަސްނުޖެހޭނެކަން ހަނދާން ކޮށްދޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.