މޫސުމީ ދުންފިނީގެ ސަބަބުން އާންމު ސިއްހަތަށާއި، ތިމާވެށީގެ ފެންވަރަށާއި، އިގްތިސާދީ ދެމެހެއްޓެނިވިކަމަށް ކުރާ އަސަރުތަކުގެ ސަބަބުން، މިއީ ގައުމީ ފެންވަރުގައި އިސްކަންދޭ މުހިންމު ކަމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ މިހާރު ކުރިމަތިވެފައިވާ ދުންފިނީގެ ހާލަތާ ގުޅިގެން އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި، ބޯޑަރު ހުރަސްކޮށް އަންނަ ވައިގެ ތަޣައްޔަރުކަމަށް މެދުނުކެނޑި ހުށަހެޅިފައި ހުރުމަކީ އާންމު ސިއްހަތަށާއި، މުޖުތަމައުގެ ދުޅަހެޔޮކަމަށާއި، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެކެވެ.

މި ހާލަތަކީ މޫސުމީ ވަޔާއެކު ސަރަހައްދީ ފެންވަރުގައި ބޭރުވާ ވިހަ ގޭސްތަކުގެ ސަބަބުން މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ ޖައްވީ ހާލަތުގެ ރަންގަޅު ތަސްވީރެއް ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ރާއްޖޭގެ ޖިއޮގްރަފީ އުފެދިފައިވާ ގޮތާއި، ކުޑަ ބިންކޮޅެއްގައި އާބާދީ ތޮއްޖެހިފައި އޮތުމުގެ ސަބަބުން، ގައުމުގެ ބޯޑަރުން ބޭރުން އަންނަ ތިމާވެށީގެ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސައިންޓިފިކް އެއްބާރުލުން ދިނުމާއި، މައުލޫމާތު ހިއްސާކުރުމާއި، މެދުނުކެނޑި މަޝްވަރާކުރުމުގެ ތެރެއިން ބައިނަލްއަގުވާމީ މަސައްކަތްތައް ވަރުގަދަކޮށް ކުރިއެރުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން އިތުރަށް ހާމަކުރި ގޮތުގައި، މިހާރު ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، ވައިގެ ފެންވަރު ރަނގަޅުކޮށް ތިމާވެށީގެ ކަންކަމުގައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށްޓަކައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާނެއެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.