މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވުމަށް ނިންމާފައި އޮތް ޖަލްސާ އަކީ ކުއްލި އަކަށް އެޖެންޑާކުރި ޖަލްސާއެއް ނޫން ކަމަށް އެކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން މިގޮތަށް ބުނެފައި މިވަނީ މިއަދުގެ ޖަލްސާ އެޖެންޑާކުރީ "ކުއްލި"އަކަށް ކަމަށް އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވާތީ އެކަން ސާފު ކޮށްދިނުމުގެ ގޮތުން ނެރުނު ކުރު ބަޔާނެއްގައެވެ.
އަރީޝްގެ ޕޯސްޓުގައި މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމުި ޖަލްސާއެއް މިއަދު ބާއްވަން އެޖެންޑާކޮށް ޖަލްސާގެ ކޯރަމްވެސް ބަރާބަރަށް ހަމަވެފައި އޮއްވާ، ކޯރަމް ހަމަނުވާކަމަށް އިއުލާނުކޮށް މޭޔަރު އާދަމް އާޒިމް އެ ޖަލްސާވެސް ކުރިއަށް ނުގެންގޮސް ނިންމާލާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
"މިއީ، މާލެ ސިޓީގެ ރައްޔިތުން ހޮވާފައިވާ މޭޔަރު އޭނާގެ މަގާމުގެ ނުފޫޒުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން ގަސްތުގައި ވަމުންދާ ބޮޑު އިހުމާލެއް،" އަރީޝް ވިދާޅުވިއެވެ.
އޭނާ ވަނީ މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާތައް ބާއްވާ ދުވަހަކީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަސްކަމަށް ކަނޑައަޅައި އެކަން ދާއިމީކޮށް ކުރަމުން އަންނަތާ އެތައް ދައުރެއް ފާއިތުވެއްޖެ ކަމަށާއި ނަމަވެސް 4 ވަނަ ދައުރުގެ 234 ވަނަ ޖަލްސާ މިއަދަށް މޭޔަރު އާދަމް އާޒިމް އެޖެންޑާ ކުރީވެސް ކުއްލިއަކަށް ކަމަށް ވިދާޅުވެފައެވެ.
"ބެލެވޭ ގޮތުގައި އެއީ ކޯރަމް ހަމަނުވުމުގެ އިލްޒާމު ކައުންސިލަރުންގެ ބޮލުގައި އަޅުވަން،" އަރީޝްގެ ޕޯސްޓުގައިވެއެވެ.
މާލެ ސިޓީ ކައުންސިލުން އެކަން ދޮގުކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެ ކައުންސިލްގެ އާއްމު ރަސްމީ ޖަލްސާގެ އެޖެންޑާ އެކުލަވާ، ކައުންސިލަރުންނާ ހިއްސާކޮށްފައިވާނީ 15 ފެބްރުއަރީ 2026 ވީ އާދިއްތަ ދުވަހުގެ 14:00ގައި ކަމަށެވެ. ޖަލްސާ ތާވަލުކޮށްފައި ވާނީ މިއަދު ހެނދުނު 9:30 އަށް ކަމަށާއި މިއަދުގެ ޖަލްސާގެ ކޯރަމް ހަމަވޭތޯ ގަޑިން 9:47 އާ ހަމައަށް ރިޔާސަތުން ބެއްލެވުމަށްފަހު، ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމާލިކަން އިއުލާން ކުރި ކަމަށްވެސް ބުނެފައިވެއެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް