ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ހިންގައިގެން ނޫން ގޮތަކަށް ދެން މި ގައުމު އަތެއް ނުވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓްތައް ޕަބްލިޝްކުރުމާއި ގުޅޭގޮތުން މޭޔަރު އާޒިމް ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ އިދާރާތައް ހިންގަން ޖެހޭނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އާޒިމް ވަނީ ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ ބެލުމުގެ ދަށުގައިވާ ތަންތަން ހާމަކަން ބޮޑު ގޮތެއްގައި ހިންގުމަށް އިލްތިމާސް ކުރައްވައިފައެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލަށް އައިސްފައިވާ ލިޔުންތަކުގެ ތެރެއިން، ވަގުތު ހަމަވެފައިވާ ހުރިހާ ލިޔުމަކަށް މިހާރު ޖަވާބު ދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މީގެއިން ވެސް ފެނިގެން މިދަނީ މާލެ ސިޓީ ކައުންސިލް ހަރުދަނާ ތަނަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތް،" މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ އެ ކައުންސިލުގެ ފުރަތަމަ އޮޑިޓު ރިޕޯޓު މިއަދު އާއްމު ކޮށްފައެވެ. އެއީ 2019ވަނަ އަހަރުގެ އޮޑިޓު ރިޕޯޓެވެ. އޮޑިޓުގެ މަސައްކަތަކީ ދުވަސް ނަގާނެ މަސައްކަތެއް ކަމަށް ވިދާޅުވެ، އާޒިމް ވިދާޅުވީ އެހެންނަމަވެސް މިހާރު މާލެ ސިޓީ ކައުންސިލުން އޮޑިޓު ކުރުމުގެ މަރުހަލާ ފެށިފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ 2019ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގެ އިތުރުން އެ ކައުންސިލުން މިއަދު ވަނީ މާލެ ސިޓީ ކައުންސިލްގެ ބީޑީޔޫގެ ވެޓް މާރކެޓް ޕްރޮޖެކްޓްގެ އޮޑިޓް ރިޕޯޓް ވެސް އާއްމު ކޮށްފައެވެ. މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާޒިމް ވިދާޅުވީ އެ މަސައްކަތަކީ ވެސް އެ ކައުންސިލަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތަށް ދީފައިވާ މަސައްކަތެއް ކަމަށް އޮޑިޓު ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ކޮންޓްރެކްޓު ބާތިލް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން އެ މައްސަލަ އޭސީސީ އާއި އޮޑިޓު އޮފީހަށް ވެސް ހުށަހަޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.