ހަތަރު އަހަރަށް ޖަލަށް ލާފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ސައީދު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ވަގުތީ ގޮތުން ކަމަށެވެ. އަދި އޭނާ ގޭ ބަންދަށް ބަދަލު ކޮށްފައި ވަނީ ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ކަމަށްވެސް ބުންޏެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލާގައި ސައީދުގެ އިތުރުން އެކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ.

އެ އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް 848,000 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ޕީޖީން ބުނެއެވެ.

ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެކެވެ. ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވެސް އެދުނީ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވުމުން އެ ކުށުގެ އަސާސީ އަދަބެއް ދިނުމަށެވެ. ސައީދުގެ ވަކީލުން ވެސް ކޯޓުގައި އެގޮތަށް އެދުނެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުގެ އިސްގާޒީ ބެއްލެވި އެ މައްސަލާގައި ގާޒީ ނިންމެވީ ކުށުގެ ބާވަތުން އެކަމުގެ އެންމެ ހަރުކަށި އަދަބު ދިނުމަށެވެ. އެއީ ކޮރަޕްޝަންގެ އަމަލުތައް ރާއްޖޭގައި އިތުރުވަމުން އަންނާތީ އެފަދަ އަމަލުތައް ހިންގާ މީހުންނަށް މެސެޖެއް ދިނުމުގެ ގޮތުން ކަމަށް ގާޒީ ވިދާޅުވިއެވެ.