ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުން ޔުނީފޯމް އެޅި ހިދުމަތެއްގައި މަސައްކަތް ކުރަން ލާޒިމްކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު ހުށަހެޅުއްވި އެ ބިލުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ޔުނީފޯމް އެޅި ހިދުމަތްތަކުގައާ އެނޫންވެސް މަސައްކަތްތަކުގެ އެކި ދާއިރާތަކުގައި ހިދުމަތް ކުރުމަށް ބޭނުންވާ އަސާސީ ފަންނީ އަދި ޖިސްމާނީ އަދި ފިކުރީ ގާބިލްކަން ޒުވާނުންގެ ކިބާގައި ބިނާކުރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން އިސްލާމްދީނަށް ލޯބި ޖެއްސުމާއި ދީނީ ޝިއާރުތަކަށް އިހުތިރާމް ކުރުމާއި ގައުމާއި މެދު ފަހުރުވެރިވުމާއި ގައުމިއްޔަތަށް އިސްކަން ދިނުމަކީ ވެސް އެ ހިދުމަތުގެ މަގުސަދެއް ކަމަށް ބިލުގައިވެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ޕްރޮގްރާމުގައި އުމުރުން 16 އަހަރުން ފެށިގެން 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް އެ ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ. އުމުރުން 16 އަހަރު ފުރި 18 އަހަރު ނުފުރޭ ކުދިންނަށް އެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ ކުދިން އަމިއްލަ އަށް އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދުމުގެ އިތުރުން ބެލެނެވެރިންގެ ރުހުމާއެކުގައެވެ.

މީގެއިތުރުން އެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ މެޑިކަލް އެސެސްމަންޓެއް ހަދައި އެ އެސެސްމަންޓުން ފާސްވާ ކުދިންނަށް ކަމަށްވެސް ބިލުގައިވެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމު ފުރިހަމަކުރާ ދަރިވަރުން ޔުނީފޯމް އެޅި ހިދުމަތެއްގައި މަސައްކަތް ކުރަން ލާޒިމެވެ. އެއީ ގިނަވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

ފުރަތަމަ ބެޗުގައި ބައިވެރިވި ކުދިންގެ ތެރެއިން ދަސްވެނިވި ދަރިވަރުންނަށް ސަރުކާރުން ވަޒީފާތައް ހަމަޖައްސައިދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން އިއުލާން ކުރައްވާފައެވެ.