ގާނޫނުއަސާސީ އަށް އިސްލާހު ހުށަހަޅާ ރިޔާސީ އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް މިއަދު މަޖިލީހުން ފާސްކުރީ ހަރަދު ކުޑަ ކުރުމަށް ނޫން ކަމަށާއި އެއީ ސަރުކާރަށް ރައްޔިތުންގެ މެދުގައި ތާއީދު ނެތުމުން ވަލު ދޮރާށިން ދެވަނަ ދައުރެއް ހޯދަން ކުރި ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ މިވަގުތު ރާއްޖޭގައި އޮތް ނިޒާމުން ޑިމޮކްރަޓިކް ހަރަކާތުގެ އުންމީދުތައް ފުރިހަމައަަށް ހާސިލުނުކޮށްދެވޭ ކަމާއި އަނިޔާވެރި ވެރިންގެ ކިބައިން ރައްޔިތުންނަށް ހިމާޔަތް ހޯދައިނުދެވޭއިރު ރައީސް މުއިއްޒު އެދިގެން ގެނެސްފައިވާ އެ ބަދަލުތަކަކީ ހުދުމުހުތާރު ވެރިން ބާރުގައި ތިބުމަށް އިތުރަށް ފަހިކޮށްދޭ ބަދަލުތަކެއް ކަމަށެވެ.
"ބޭނުންވަނީ ވެރިކަންކުރާ ޕާޓީގެ ބާރުތައް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ނޫން. އޭގެ ބަދަލުގައި ސަރުކާރާއި އަދި މުޅި ދައުލަތް ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ބާރުތައް މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރަން ޖެހޭ. ސަރުކާރުގެ މި ހީލަތްތެރި ރޭވުމަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ. ރިޔާސީ ދައުރު ދަންމާލުމުގެ ފުރުސަތު މި ހުދުމުހުތާރު ސަރުކާރަށް ދީގެން ވާކަށް ނެތް،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރާނީ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކަކަށް ކަމަށެވެ. މިއީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ މުހިންމު ކަމެއްކަން ދަނެ، އެކަމުގައި ސިޔާސީ ފިކުރާއި ޕާޓީތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތަށް ވިސްނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސް ކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ އައްޑޫމީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން އެކަންޏެވެ.
މިއަދުގެ ޖަލްސާގެ ފުރަތަމަ ތަންފަޅީގައި ބިލު ދިރާސާކުރި ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމުގެ ތެރެއިން މަޖިލީހުގެ ތެރޭގައި ސަރުކާރު މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ދެމެދު ހިނގި ހިތްހަމަ ނުޖެހުންތަކެއްގެ ތެރެއިން "ޒުވާބަކަށް" ބަދަލުވެ އެމްޑީޕީގެ ގިނަ މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ރިޔާސަތުން ވަނީ ބޭރުކޮށްފައެވެ.
ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރު ޖަވާބުދާރީ ކުރަން ހުރަސް އެޅުން
ޔުނީފޯމް އެޅި ހިދުމަތެއްގައި މަސައްކަތްކުރަން ލާޒިމްކުރާ ބިލެއް
ދެ އިންތިހާބު އެއްކޮށްލީ ވަލު ދޮރާށިން ދެވަނަ ދައުރެއް ހޯދަން
ބޮޑު ދެ އިންތިހާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި
"ޕެޓްސް" މުބާރާތުން ދިވެހި ސިފައިންނަށް ރަންމެޑަލް