ދިވެހިރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތަ އާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން، ހާއްސަ ސަވައިލަންސް އޮޕަރޭޝަނެއް ފަށައިފިއެވެ.

އެމްއެންޑީއެފް އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ އެ ސަވައިލަންސް އޮޕަރޭޝަނުގައި، ދިވެހިރާއްޖޭގެ ދެކުނުގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލްމޭލުގެ ސަރަހައްދެއް ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު 2026 ފެބުރުވަރީ 05 ވަނަ ދުވަހު އިއުލާން ކުރައްވާފައިވާތީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ދިވެހި ސިފައިންނާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަމުގައި ބަލާނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ބަޔާންކުރާ ސަރަހައްދު ކަމަށެވެ.

ގާނޫނުއަސާސީގެ ތިންވަ މާއްދާގައި، ދިވެހިރާއްޖޭގެ ސަރަހައްދަކީ، ގާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި, ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވުކަމަށް ވަނީ ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދަކީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުކަމާއި، އެގޮތުން ދިވެހިރާއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލު ނުލިބޭ އަވަށްޓެރި ގައުމުތަކާއެކު 31 ޖުލައި 1976 ގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ "ޑިޓަމިނޭޝަން އޮފް ދަ ޓްރައި ޖަންކްޝަން ޕޮއިންޓް އިން ދަ ގަލްފް އޮފް މަނާރު" އެއްބަސްވުން ފިޔަވައި އެހެން އެއްވެސް ގައުމަކާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްވެސް އެއްބަސްވުމެއް ދިވެހި ސަރުކާރުން އެކުލަވާލާފައިނުވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ދިވެހި ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމެނެނީ ރާއްޖޭގެ ސަރަހައްދުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ކަމަށްވާއިރު، ދިވެހި އަސްކަރިއްޔާއިން އެމީހުންގެ އެންމެހާ ގާބިލްކަމާއެކު، ވަފާތެރިކަމާއި ސާބިތުކަމާއެކު އެ ޒިންމާ އަދާކުރަމުންދާނެ ކަމަށެވެ.