ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 10 ރިސޯޓެއް ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ސީދާ ރައްޔިތުންގެ އެކައުންޓުތަކަށް ޖަމާ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވާހަކަފުޅަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ރައްދު ދެއްވަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ހަގީގީ ވެރިންނަކީ ދިވެހި ރައްޔިތުން ކަމަށާއި އެހެންކަމުން ދިވެހި ހުރިހާ ރައްޔިތުންނަށް މިކަމުން ސީދާ އާމްދަނީއެއް ލިބޭނެ މަގެއް ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިއުމަކީ އެންމެ އަދުލުވެރި ގޮތް ކަމުގައި އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ވުމާއެކު މިކަމާއި މެދު ކެބިނެޓުގައި މަޝްވަރާކޮށް ސަރުކާރުން މިހާރު ނިންމާފައި ވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަ ކަމާއެކު އަހަރަކު އެއްފަހަރު ބޭރު ފައިސާ އިން ޖަމާކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ދަށުން ސަރުކާރުން ތަރައްގީ ކުރާ ހުރިހާ ރިސޯޓެއްގެ ހިއްސާ ގާނޫނަކުން ހުރިހާ ރައްޔިތުންނަށް ވެސް ބަހައިލައްވާނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ދިވެހި ރައްޔިތެއްގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް، ހަމަހަމަކަމާއެކު، އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ސީދާ ހިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތުންވެ، ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ އިރާދަކުރެއްވިއްޔާ ޖަމާވާން ފަށާނެ، ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފައިސަލްގެ ރައްދު:

ދެހާސް ތިރީސް ވަނަ އަހަރު އަންނަންވާ އިރަށް ރާއްޖޭގެ އާބާދީ 5 ލައްކައަށް ވުރެ މަތިވާނެ ކަމަށް ތަފާސް ހިސާބު ތަކުން ދައްކާއިރު، އާބާދީގެ ބޮލަކަށް 400 ޑޮލަރު ބަހަން، 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް ހިސާބު ތަކުން ނުދައްކާ ކަމަށެވެ.

މާލޭ ކައިރީގައި 150 ކޮޓަރީގެ ފައިވް ސްޓާ ރިސޯޓެއް ހެދުމަށް މިހާރު ޑޮލަރުގެ އަގު ހުރި މިންވަރާއި ތަކެތީގެ އަގާއި އިމާރާތް ކުރުމުގެ ހަރަދުތަކަށް ބަލާއިރު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. 10 ރިސޯޓު ހަދަން ގާތްގަނޑަކަށް 800 މިލިއަނެއްހާ ޑޮލަރު ހޯދަންޖެހޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"ސޯޝަލް ހައުސިން އަށް ވެސް މި އުޅެނީ ފައިސާ ނުހޯދިގެން. އެހެން އޮއްވާ، ސަރުކާރުން ފައިވްސްޓާ ރިސޯޓެއް ހެދުމަށްޓަކައި މި އަދަދު ހޯދާނެ ގޮތެއް ނުވިސްނުނު. މެދު ކެނޑުމެއް ނެތި މުޅި ދުނިޔެއަށް އިގްތިސޯދީ ގޮތުން ކުރިމަތިވާ ގޮންޖެހުން ތަކާއި، ފަތުރުވެރި ކަމުގެ ދާއިރާގައި އޮތް ވާދަވެރި ކަމުގެ ތެރެއިން، 500 ޑޮލަރަށް ރޫމެއް އެވްރެޖު ޑެއިލީ ރޭޓެއްގެ ގޮތުގައި ވިއްކިދާނެތޯ. 500 ޑޮލަރުގެ ރޭޓުން 65 އިންސައްތައިގެ އޮކިއުޕެންސީއެއްގައި ރޫމް ރެވެނިއު ގޮތުގައި އެންމެ ގިނަވެގެން މި ލިބެނީ 17 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާއި ދެމެދުގެ މިންވަރެއް. ރިސޯޓެއް ހިންގުމަށް ޓެކްސް ދެއްކުމާއި، މުވައްޒަފުންގެ މުސާރަ ދިނުމާއި އަދި އެހެނިހެން ޚަރަދުތައް ކަނޑާލުމަށް ފަހު ބާކީ ވާނީ ކިހާވަރެއްކަން އިނގޭތޯ،" ފައިސަލް ސުވާލު އުފެއްދެވިއެވެ.

މިވަރު ރިސޯޓެއްގެ އޮޕަރޭޝަން ކިރިޔާ ހިފަހައްޓާލެވޭނީ 50 އިންސައްތަ އޮކިއުޕަންސީ މުޅި އަހަރުގެ ތެރޭގައި ހިފެހެއްޓިގެން ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަދި ކޮބައިތޯ ނަގާ ލޯނަށް ފައިސާ ދެއްކުން، މިކަމަށް ވެސް އެންމެ މަދުވެގެން 8 އަހަރުވަރު ބޭނުންވޭ. މިދައްކަނީ 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރެން ޖެހޭ ވާހަކަ. ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ދިވެހި ރާއްޖެ މިއަދާ ހަމައަށް ދެމި އޮތީ، މި ސިނާއަތުގައި އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތުން. މިހާތަނަށް އައިއިރު، ސަރުކާރުން ފަތުރުވެރި ކަމުގެ ސިނާއަތަށް ވަދެގެން ކުރި ކޮންމެ މަސައްކަތަކުން އޮތީ އިންތިހާ އަށް ގެއްލުން ލިބިފައި،" ކުރީގެ ނާއިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވައި، ހަމަ ހިތަށް އެރި ކޮންމެ އެއްޗެއް ރިޔާސީ ބަޔާނުގައި ވިދާޅުވީމާ، ރައްޔިތުން ކުރިމަތީގައި އިތުބާރު ގެއްލި، ވެރިޔަކަށް ހުންނަ މީހަކު ވިދާޅުވާ އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދޭނެ ކަމަށެވެ.

"ވިސްނަވާ... ކޮބައިތޯ ބިއްލޫރި ޓަނަލް، ކޮބައިތޯ އައްޑޫ ބްރިޖު، ކޮބައިތޯ ބަންކަރިން، ކޮބައިތޯ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް، ކޮބައިތޯ ގއ. ވިލިނގިލީގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓު، ކޮބައިތޯ ގދ.ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު، ކޮބައިތޯ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ނިންމަވާނެ ކަމަށް ވިދާޅުވި ކަންކަން،" ފައިސަލް ނަސީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ ބަޔާން ވާން ޖެހޭނީ ރައްޔިތުންނަށް އުންމީދެއް ގެނުވައިދޭ، ގައުމުގެ ކަންތައްތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ހާމަ ކުރާ އެއްޗަކަށް ކަމަށެވެ. އަދި އެއީ އެއްގޮތަކަށް ވެސް ނުވާނެ ވަރުގެ ކަންތަކުގެ ވާހަކަ ދައްކައި، ރައްޔިތުންނަށް ކަންކަން އޮޅުވާލާ އެއްޗަކަށް ވެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިތަންމެ ދިގު ބަޔާނެއް ދެއްވި ނަމަވެސް، އޭގައި އޮއްޓަރު ހުރި ރަނގަޅު ކަންކަން ނުހިމެނެންޏާ އެބަޔާނެއް ވާނީ ހުސް ހާސަރަކަށް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިއަދު ހަތަރު ގަޑިއިރު ވަންދެން އިއްވެވި ރިޔާސީ ބަޔާނަށް ފައިސަލް ފާޑުވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކުރަންވީ ކަމަކީ ކުރާ ބޭކާރު ހަރަދު ކުޑަކޮށް، ސިޔާސީ ބޭނުމުގައި ވަޒީފާ އިތުރު ނުކޮށް، ގައުމުގެ އިގްތިސޯދު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާ އެކު، އަމިއްލަ ފުދުންތެރިކަން އިތުރު ކުރުމަށް ހިތްވަރު ދިނުން ކަމަށެވެ.