ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ބާތިލުކުރައްވައި، އެ މައްސަލަ އަލުން ބައްލަވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރެއްވުމަށްފަހު އެ ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި އެމަނިކުފާނު ސޮއި ކުރައްވައިފިއެވެ.

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް އޮތްކަން ގަބޫލުކުރުމަށް ދިވެހިރާއްޖެއިން ކުރިން އިންކާރު ކުރަމުން އައި ނަމަވެސް، 2021 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ ނިންމުން ބަދަލުކުރައްވައި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައެވެ. މި ސިޓީފުޅު ފޮނުއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލަ ބެލުމުގެ އިހުތިސާސް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.

މީގެ ކުރިން ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލަކީ ޗާގޯސްގެ މިލްކުވެރިކަމާ މެދު ގޮތެއް ނުނިމެނީސް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލަ އިޓްލޮސްއަށް ނުބެލޭނެ ކަމަށެވެ. ނަމަވެސް، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ދީފައިވާ ލަފަޔަށް ރިއާޔަތްކޮށް، އިޓްލޮސް އިން ވަނީ އެ މައްސަލަ ކުރިއަށް ގެންގޮސް ދެ ގައުމުގެ ކަނޑުގެ ސަރަހައްދު ބައިކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ ސަރަޙައްދު ދޫކޮށްލުމަށް ނިންމި ފަރާތްތައް ޖަވާބުދާރީ ކުރުވައި، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ބާވީސް އޮގަސްޓް 2022ގައި ރާއްޖެއިން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފަވާ ކަމަށް ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، ރައްޔިތުންގެ ހައްގުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި އިއުލާނުކުރަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ބޭސްލައިން ކަނޑައެޅުމާ ގުޅޭ ފަންނީ ކަންކަމާއި، އެއާ ގުޅުންހުރި އެހެނިހެން ކަންތައްތައް ދިރާސާކޮށް ބެލެހެއްޓުމަށްޓަކައި ޚާއްސަ އިދާރާއެއް އުފެއްދުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިއީ އެ ދާއިރާގެ މާހިރުންގެ ލަފާގެ މަތިން ނިންމެވި ނިންމެވުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު ވަނީ ރިޔާސީ ބަޔާން އިއްވެވުމަށްފަހު މޮރީޝަސް އަށް ކުރީ ސަރުކާރުން ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއި ކުރައްވައިފައެވެ.