ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް)ގެ ފުރަތަމަ ބެޗުގައި ބައިވެރިވި ކުދިންގެ ތެރެއިން ދަސްވެނިވި ދަރިވަރުންނަށް ސަރުކާރުން ވަޒީފާތައް ހަމަޖައްސައިދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ހުރިހާ ގޮތަކުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި، އަހުލާގު ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސް މުއިއްޒުގެ އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް ޖިސްމާނީގޮތުންނާއި ސިއްހީގޮތުން ދުޅަހެޔޮކަން ހޯދައިދިނުމަށް އަމާޒުކޮށްގެން ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ނޭޝަނަލް ސާވިސް ޕްރޮގްރާމަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ފެށި މަސައްކަތެއް ކަމަށެވެ.
އެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 344 ޒުވާނުން ތަމްރީނުވެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހު ދަސްވެނިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރެއިން ހޮވުނު 65 ކުދިން ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުތަކަށް ބބ. ކިހާދޫގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދަސްވެނިވި ދަރިވަރުންގެ ތެރެއިން އެ ތަމްރީނުތަކަށް ނުހޮވޭ ކުދިން އެކުދިން ވަޒީފާ އަދާކުރަން ޝައުގުވެރިކަން ފާޅުކުރި ތަންތަނުން ސަރުކާރުން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ވަޒީފާ ހަމަޖައްސާފައިވާ ތަންތަނާއި ދަރިވަރުންގެ އަދަދު:
އެމްއެންޑީއެފް: 171 ކުދިން
އެމްއެންޑީއެފް ފަޔާމަނުން: 7 ކުދިން
އޭވިއޭޝަން: 32 ކުދިން
ފުލުހުންގެ ހިދުމަތް: 23 ކުދިން
މޯލްޑިވްސް އިމިގްރޭޝަން: 5 ކުދިން
އެމްއޭސީއެލް: 3 ކުދިން
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރުމަސް 38 ކުއްޖަކު ބޭނުންވި ކަމަށެވެ. އެހެންކަމުން އެކުދިންނަށް އެ ފުރުސަތު އެ ކުދިންނަށް ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގައި 350 ޒުވާނުންނާއެކު މިދިޔަ މަހުގެ 24ވަނަ ދުވަހު މާފިލާފުށީގައި ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު އިތުރު 1000 ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި