ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ބާތިލުކުރައްވައި، އެ މައްސަލަ އަލުން ބައްލަވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް އޮތްކަން ގަބޫލުކުރުމަށް ދިވެހިރާއްޖެއިން ކުރިން އިންކާރު ކުރަމުން އައި ނަމަވެސް، 2021 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ ނިންމުން ބަދަލުކުރައްވައި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައެވެ. މި ސިޓީފުޅު ފޮނުއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލަ ބެލުމުގެ އިހުތިސާސް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.

މީގެ ކުރިން ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލަކީ ޗާގޯސްގެ މިލްކުވެރިކަމާ މެދު ގޮތެއް ނުނިމެނީސް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލަ އިޓްލޮސްއަށް ނުބެލޭނެ ކަމަށެވެ. ނަމަވެސް، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ދީފައިވާ ލަފަޔަށް ރިއާޔަތްކޮށް، އިޓްލޮސް އިން ވަނީ އެ މައްސަލަ ކުރިއަށް ގެންގޮސް ދެ ގައުމުގެ ކަނޑުގެ ސަރަހައްދު ބައިކޮށްފައެވެ.

ރައީސް މުއިއްޒު މަޖިލިސް ތަޅުމުގައި ރިޔާސީ ބަޔާން އިއްވަވަނީ: ފޮޓޯ | މަޖިލިސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ ސަރަޙައްދު ދޫކޮށްލުމަށް ނިންމި ފަރާތްތައް ޖަވާބުދާރީ ކުރުވައި، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ބާވީސް އޮގަސްޓް 2022ގައި ރާއްޖެއިން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފަވާ ކަމަށް ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، ރައްޔިތުންގެ ހައްގުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި އިއުލާނުކުރަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ބޭސްލައިން ކަނޑައެޅުމާ ގުޅޭ ފަންނީ ކަންކަމާއި، އެއާ ގުޅުންހުރި އެހެނިހެން ކަންތައްތައް ދިރާސާކޮށް ބެލެހެއްޓުމަށްޓަކައި ޚާއްސަ އިދާރާއެއް އުފެއްދުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިއީ އެ ދާއިރާގެ މާހިރުންގެ ލަފާގެ މަތިން ނިންމެވި ނިންމެވުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީ، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އެކަން ހިނގަން މެދުވެރިވި ސަބަބުތައް ހޯދައި، ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި އެ ފިޔަވަޅުތައް އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން "ކޮމިޝަން އޮފް އިންކުއަރީ" އެއް އުފެއްދުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިއުލާނުކުރެއްވިއެވެ.