ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 10 ރިސޯޓެއް ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ސީދާ ރައްޔިތުންގެ އެކައުންޓުތަކަށް ޖަމާ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ 2023ވަނަ އަހަރު ރާއްޖޭގައި އެންމެ ރިސޯޓެއް ވެސް ހުޅުވިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ވޭތުވެދިޔަ ދެ އަހަރު ޖުމްލަ 6535 ޓޫރިސްޓު އެނދު އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެތެރޭގައި މިދިޔަ އަހަރުގެ ތެރޭގައި ހުޅުވިގެންދިޔަ ތިން ރިސޯޓާއި 2024ވަނަ އަހަރު ހުޅުވުނު ތިން ރިސޯޓުން އިތުރުވި 1474 އެނދާއި މިދިޔަ ދެ އަހަރު ހުޅުވުނު ޓޫރިސްޓު ހޮޓަލުން އިތުރުވި 708 އެނދާއި ހުޅުވުނު 194 ގެސްޓު ހައުސް އިން އިތުރުވި 3574 އެނދާއި ނެރުނު 22 ޓޫރިސްޓު އުޅަނދުން އިތުރުވި 463 އެނދާއި ހޯމް ސްޓޭ އިން އިތުރުވި 316 ހިމެނެއެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އިތުރު ހަތް ރިސޯޓާއި ގެސްޓު ހައުސްތައް އިތުރުވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ފައިދާ މުޅި ރާއްޖެއަށް ފުޅާ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން އެދެވޭ ގޮތެއްގައި މިހާތަނަށް ފަތުރުވެރިކަން ތަރައްގީ ކުރެވިފައި ނުވާ ހަ އަތޮޅެއްގައި ހަލާލް ޓޫރިޒަމް ހިމެނޭހެން އިންވެސްޓުމަންޓުތަކަށް ހުޅުވާލާފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ބައި ގަރުނަށްވުރެ ގިނަ ދުވަސްވީ ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ސީދާ ގޮތެއްގައި ފައިދާވާނެ އެއްވެސް ނިޒާމެއް ގާއިމްވެފައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަން އެއްވެސް ސަރުކާރަކުން ފަހި ކޮށްދީފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެ ސިނާއަތަކީ ރާއްޖޭގެ އިގްތިސޯދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާއަތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ހަގީގީ ވެރިންނަކީ ދިވެހި ރައްޔިތުން ކަމަށާއި އެހެންކަމުން ދިވެހި ހުރިހާ ރައްޔިތުންނަށް މިކަމުން ސީދާ އާމްދަނީއެއް ލިބޭނެ މަގެއް ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިއުމަކީ އެންމެ އަދުލުވެރި ގޮތް ކަމުގައި އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"ވުމާއެކު މިކަމާއި މެދު ކެބިނެޓުގައި މަޝްވަރާކޮށް ސަރުކާރުން މިހާރު ނިންމާފައި ވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަ ކަމާއެކު އަހަރަކު އެއްފަހަރު ބޭރު ފައިސާ އިން ޖަމާކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ދަށުން ސަރުކާރުން ތަރައްގީ ކުރާ ހުރިހާ ރިސޯޓެއްގެ ހިއްސާ ގާނޫނަކުން ހުރިހާ ރައްޔިތުންނަށް ވެސް ބަހައިލައްވާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ދިވެހި ރައްޔިތެއްގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް، ހަމަހަމަކަމާއެކު، އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ސީދާ ހިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތުންވެ، ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ އިރާދަކުރެއްވިއްޔާ ޖަމާވާން ފަށާނެ، ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި