ރައީސް ޑރ. މުހައްމަދު މުއިއްޒު "ދޮގު" ހައްދަވާތީ ކަމަށް ބުނެ، ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އިދިކޮޅު އެމްޑީޕީން އިހުތިޖާޖުކޮށްފިއެވެ.
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން ގެންދެވިއިރު އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ވަނީ ރައީސް މުއިއްޒުގެ އިސްތިއުފާ ދިނުމަށް ލިޔެފައިވާ ގަނޑުތަކެއް ހިފައިގެން އިހުތިޖާޖު ކޮށްފައެވެ.
އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރަމުން ގެންދިޔަ ނަމަވެސް ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް ހުންނެވި ޕޯޑިއަމް ކައިރިއަކަށް އެމްޑީޕީގެ މެންބަރުންނަކަށް ނުދެވުނެވެ. ސެކިއުރިޓީން ވަނީ ހުރަސް އަޅައިފައެވެ.
އެމްޑީޕީ މެންބަރުންގެ ތެރެއިން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނަށް ހުރަސް އަޅުއްވަމުން ގެންދެވި ކަމަށް ނިންމާ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ މެންބަރު ޒިޔާދުގެ ނަން އިއްވާ ތަޅުމުން ބޭރު ކުރައްވާފައެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމުގެ ނަންވެސް މަޖިލިސް ރިޔާސަތުން ވަނީ އިއްވައިފައެވެ.
ރައީސް މުއިއްޒު ދޮގު ހައްދަވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މަޖިލިސް ޖަލްސާގައި އިހުތިޖާޖު ކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑަކަށް އިންވެސްޓު ކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ ފައިސާ ޗާޕު ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވި ވާހަކަފުޅާ ހިލާފަށް ކުރެއްވި އަމަލެއް ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ