ދުނިޔޭގެ އިގްތިސާދީ ޗާޓުގައި އިންޑިއާ މިހާރު ދަނީ އާ އުސްމިންތަކަކަށް ދަތުރުކުރަމުންނެވެ. އެގޮތުން 27 ޖަނަވަރީ 2026 ގައި އިންޑިއާއާއި ޔޫރަޕިއަން ޔޫނިއަން (EU) އާ ދެމެދު ސޮއިކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ، މުޅި ދެކުނު އޭޝިއާގެ އިގްތިސާދީ މިސްރާބު ބަދަލުކޮށްލާނެ "ގޭމް ޗޭންޖަރ" އެކެވެ. މިއީ ރާއްޖެ ފަދަ އިންޑިއާގެ ގާތް އަވަށްޓެރި ގައުމުތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެކެވެ.

މި އެއްބަސްވުމަކީ ގާތްގަނޑަކަށް 20 އަހަރުގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެކެވެ. އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލް ސިފަކުރެއްވި ގޮތުގައި، މިއީ އިންޑިއާގެ "އިގްތިސާދީ މިނިވަންކަމުގެ" އާ ބާބެކެވެ.

ދެ ބިލިއަން މީހުންގެ ބިޔަ މާކެޓެއް ހުޅުވި، އިންޑިއާގެ އުފެއްދުންތަކަށް ޔޫރަޕްގެ 99 ޕަސެންޓު ބާޒާރު މިހާރު ވަނީ ޑިއުޓީއާ ނުލާ ހުޅުވާލެވިފައެވެ. ޔޫރަޕްގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އިންވެސްޓްމަންޓް އިންޑިއާއަށް އޮހިގަންނާނެއެވެ. ރާއްޖެއާ އެހާމެ ކައިރީގައި އޮތް އަދި އަބަދުވެސް އެންމެ އަވަހަށް އެހީގެ އަތް ދިއްކޮށްލާ އިންޑިއާ އިން އީޔޫއާއެކު މިފަދަ އެއްބަސްވުމަކަށް އައުމުން ރާއްޖެ އަށް ކުރާނީ ފައިދާތޯ މިއީ އުފެދޭ ސުވާލެކެވެ.

އިންޑިއާގެ މި ކާމިޔާބީގައި ރާއްޖެ ބައިވެރިވުން އިންޑިއާގެ މި ބިޔަ ކުރިއެރުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މަސްވެރިކަމަށް އާ އުއްމީދެއް:

އިންޑިއާގެ މަސްވެރިކަމަށް ޔޫރަޕުން ސުން ޕަސެންޓު ޑިއުޓީ ލިބުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިންޑިއާގެ ބޮޑެތި ކުންފުނިތަކާއެކު ގުޅިގެން ވިޔަފާރި ފުޅާކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ރާއްޖޭގެ ކުންފުނިތަކުން އިންޑިއާގައި އިންވެސްޓްކޮށްގެން، އިންޑިއާ މެދުވެރިކޮށް ޔޫރަޕަށް މަސް ފޮނުވުމުން ޑިއުޓީގެ ބޮޑު ހޭދަ ސަލާމަތް ކުރެވޭނެއެވެ.

ތަކެތީގެ އަގު ހެޔޮވުން:

ރާއްޖެއަށް ބޭނުންވާ ގިނަ މުދާ އަންނަނީ އިންޑިއާއިންނެވެ. އިންޑިއާގައި އުފައްދާ މުދަލުގެ ފެންވަރު ޔޫރަޕްގެ ފެންވަރަށް ރަނގަޅުވެ، މުދާ އުފައްދާ އަގު ހެޔޮވުން، ދިވެހި ބާޒާރުގައިވެސް މުދަލުގެ އަގު ހެޔޮވެ، ރައްޔިތުންނަށް އޭގެ މަންފާ ކުރާނެއެވެ.

ޕޯޓް ސާވިސަސް:

އިންޑިއާގެ އެކްސްޕޯޓް އިތުރުވުމަކީ ރާއްޖޭގެ ބަނދަރުތަކާއި، ލޮޖިސްޓިކްސް ދާއިރާއަށް ލިބޭނެ ދިރުމެކެވެ. އިންޑިއާ ކަނޑުގެ މެދުގައި އޮތް ރާއްޖެއަކީ މި ވިޔަފާރީގެ މުހިންމު މަންޒިލަކަށް ވުމުގެ ފުރުސަތު ބޮޑެވެ. މިއީ އިންވެސްޓްމަންޓްގެ އާ ރާޅެކެވެ. އިންޑިއާގެ އިގްތިސާދު ވަރުގަދަވުމަކީ، އިންޑިއާގެ ބޮޑެތި އިންވެސްޓަރުން ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުވާނެ ކަމެކެވެ. މިއީ ދިވެހި ޒުވާނުންނަށް އާ ވަޒީފާތަކާއި، ވިޔަފާރީގެ އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެކެވެ.

މި އެއްބަސްވުމަކީ ސަރަހައްދީ ކުރިއެރުމުގެ އާ ފެށުމެކެވެ. އިންޑިއާ އާއި އީޔޫގެ ދެމެދުގައި ވެވުނު މި ތާރީޚީ އެއްބަސްވުމަކީ ހަމައެކަނި ދެ ގައުމެއްގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމެއް ނޫނެވެ. މިއީ މުޅި ދެކުނު އޭޝިއާގެ އިގްތިސާދީ މަލަމަތި ބަދަލުކޮށްލާނެ، އަދި ހާއްސަކޮށް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ބައިނަލްއަގުވާމީ ބާޒާރުގެ ދޮރުތައް ފަހިކޮށްދޭނެ "ރަން ބްރިޖެކެވެ."