ފޯޅަވަހި (ޗާގޯސް) ގެ މިލްކުވެރިކަން ދިވެހިރާއްޖެއަށް ލިބިއްޖެނަމަ، އެ ސަރަހައްދުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު "ޑިއޭގޯ ގާސިއާ" ގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ގާނޫނީ އަދި ދުސްތޫރީ މަގެއް ހޯއްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ ދާދި ފަހުން ބައިނަލްއަގުވާމީ މީޑިއާ "ނިއުސްވީކް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ރައީސް ވަނީ، އިނގިރޭސިވިލާތުން ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައި، ރާއްޖޭގެ ދައުރު މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސްގެ އިންޓަވިއުގެ މުހިންމު ބައިތައް:
- ގާނޫނީ ހައްލު: ރައީސް ވިދާޅުވީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބިއްޖެނަމަ، ރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ޑިއޭގޯ ގާސިއާ ބޭސްގެ ހަރަކާތްތައް މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.
- ޓްރަމްޕްގެ ކަންބޮޑުވުން: އެމެރިކާގެ ރައީސް ޓްރަމްޕްގެ ކަންބޮޑުވުމަކީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށްވާއިރު، މޮރިޝަސްއަށްވުރެ ބޮޑަށް އެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ގައުމަކީ ރާއްޖެކަން ރައީސް ފާހަގަކުރެއްވިއެވެ.
- ތާރީހީ ގުޅުން: ފޯޅަވަހި ނުވަތަ "ފޯޅަވަހި" އަކީ ރާއްޖޭގެ އައްޑޫ ސިޓީއާ އެންމެ 310 މޭލު ދުރުގައި އޮތް ތަނަކަށްވާއިރު، މޮރިޝަސް އޮތީ އެތަނާ 1,300 މޭލު ދުރުގައެވެ. އަދި އެތަނުގައި ދިވެހި ބަހުން ލިޔެފައިވާ އާސާރީ ގައުކޮޅުތައް ހުރުމަކީ ރާއްޖޭގެ ހައްގު ބޮޑުކަމުގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގައި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ތަޖުރިބާހުރި ގައުމެއް ކަމަށާއި، ފޯޅަވަހީގެ ތިމާވެށި ހިމާޔަތްކޮށް ބެލެހެއްޓުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށެވެ.
ދާދިފަހުން ވެސް ރައީސް ވަނީ ބައިނަލްއަގުވާމީ މީޑިއާއަކަށް ފޯޅަވަހީގެ މައްސަލާގައި ވާހަކަދައްކަވާފައެވެ.
އިނގިރޭސިވިލާތުގެ ޓެބްލޮއިޑެއް ކަމަށްވާ އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ ތާރީހީ ގޮތުން ދިވެހިން "ފޯޅަވަހި" ގެ ނަމުން ނަންދީފައިވާ ޗާގޯސް ޖަޒީރާތަކުގެ މުސްތަގުބަލާ ގުޅޭގޮތުން އެމަނިކުފާނުގެ ސަރުކާރުން އިނގިރޭސި ސަރުކާރާ މުއާމަލާތް ކުރަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ.
އެމަނިކުފާނު ވަކާލާތު ކުރައްވާ ގޮތުގައި، ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށްވުރެ ޖިއޮގްރަފީ ގޮތުންނާއި، ތާރީހީ ގޮތުން އަދި ގާނޫނީ ގޮތުންވެސް ދިވެހިރާއްޖެ މާ ބޮޑަށް ގާތްވެފައި ހައްގުކަން ބޮޑެވެ.
ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި، އެ މައްސަލައަކީ ހަމައެކަނި ޖިއޯޕޮލިޓިކްސްއާ ގުޅުންހުރި ކަމެއް ނޫނެވެ. މިއީ ތާރީހީ ހަގީގަތްތަކާއި، އިންސާފާއި، އަދި ޒަމާންވީ ބައިވެރިއެއްގެ އަޑު އެހުމަށް އިނގިރޭސިވިލާތުން ބަހައްޓާ ޝައުގުވެރިކަމާ ގުޅޭ ކަމެކެވެ.
ސަރުކާރަށް ފަންނީ ލަފާ ދޭނެ ތިން ކޮމެޓީއެއް ހަދަނީ
ފޯޅަވަހި ލިބިއްޖެނަމަ "ޑިއޭގޯ ގާސިއާ" ހިންގޭނެ މަގެއް ހޯދައިދޭނަން
އެއްބަސްވުންތަކުގެ "މަންމަ" އިން ރާއްޖެއަށް ފައިދާކުރާނެ!؟
ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ބަނދެވިފައި: ނަޝީދު
ރާއްޖެއަށް އިންޑިއާއިން މިއަހަރުވެސް 69 މިލިއަން ޑޮލަރު ކަނޑައަޅައިފި
ވިހޭތާ އެއް ދުވަސް ވެސް ނުވަނީސް އެއްމާބަނޑު ތިން ކުދިން ނިޔާވެއްޖެ